Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

މޭޔަރު މީޑިއާގައި ދައްކާ ވާހަކަތަކަކީ ކައުންސިލްގެ ބަހެއް ނޫން: ކައުންސިލް

އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ޕްރެސް ކޮންފަރެންސްތަކުގައި ދައްކަވާ ވާހަކަތަކަކީ އައްޑޫސިޓީ ކައުންސިލްގެ ނިންމުންތައް ނޫން ކަމަށް އައްޑޫސިޓީ ކައުންސިލުން ކޯޓުގައި ބުނެފިއެވެ.

އައްޑޫސިޓީ ކައުންސިލުން ކޯޓުގައި މިފަދައިން ބުނެފައިވާކަން ހާމަވެފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައި އޮތް ދައުވާގައި ކޯޓުން ހުކުމްކޮށް ދޫކޮށްފައިވާ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައެވެ.

އެގޮތުން މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުން ވަނީ މޭޔަރު އަލި ނިޒާރު ގޯތިތަކުގެ މައްސަލައިގައި ރާއްޖޭގެ ބައެއް މީޑީއާތަކުގައި ދައްކާފައިވާ ވާހަކަތައް ހުށަހަޅާފައެވެ. އެކަމާ ގުޅޭގޮތުން ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ ކައުންސިލްގެ މެމްބަރު އެފަދައިން މީޑިއާގައި ދައްކަވާ ވާހަކަތަކާއި އެ މެމްބަރެއްގެ އަމިއްލަ ރައުޔު ނުވަތަ ދެކޭ ގޮތްކަމަށާއި އެއީ ކައުންސިލްގެ ސީދާ ނިންމުންތަކެއް ނޫންކަމަށެވެ.

"ޕްރެސްކޮންފަރެންސް އާއި މީޑިއާއަށް ދެއްވާފައިވާ ބަސްދީގަތުންތަކުން ދައުވާލިބޭ ފަރާތްތަކުގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ވާހަކަތަކެއް ދެކެވިފައިވާކަމަށް ދައުވާކުރާ ފަރާތްތަކުން ޤަބޫލުކުރާނަމަ އެއީ އަދި މައްސަލައިގެ މައުޟޫއާ ގުޅޭ ކަމެއްކަމުގައި ޝަރީއަތުން ނުދެކެއެވެ. ސަބަބަކީ އެފަދަ ވާހަކަތަކަކީ އެ ވާހަކައެއް ދެއްކި ކައުންސިލްގެ މެމްބަރެއްގެ އަމިއްލަ ރައުޔު ނުވަތަ ދެކޭގޮތްކަމަށާއި، އެއީ ކައުންސިލްގެ ސީދާ ނިންމުންތަކެއް ނޫންކަމަށް ދައުވާ ލިބޭ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައިވާތީއެވެ. އަދި ޝަރީއަތުންވެސް ދެކެނީ އެފަދައިންނެވެ." ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކައުންސިލުން ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ސަރަހައްދުން ގޯތި ލިބިފައިވާ ބައެއް ފަރާތްތަކަށް ސިޓީ ފޮނުވައި އެ ގޯތިތަކުގައި އެއްވެސް މަސައްކަތެއް ނުކުރަން އަންގާފައެވެ. އަދި ބަދަލެއް ދޭން ޖެހޭނަމަ ކައުންސިލާއެކު އެކަމާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ސަރަހައްދުން ބިންތައް ނެގުމަށް ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު އެ ނިންމުމުގެ ސަބަބުން ކައުންސިލަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފައެވެ.

އައްޑޫ ކައުންސިލުން ބުނިގޮތުގައި އޭއީއެޗްގެ ވަށައިގެން ހުރި ގޯތިތައް ނެގުމަށް ނިންމީ އެބިންތައް ކުއްޔަށް ދޫކޮށް ކައުންސިލަށް އާމްދަނީ ހޯދުމަށެވެ. އެގޮތުން އެ ސަރަހައްދުން 44 ގޯތި ނެގުމަށް ވަނީ ނިންމާފައެވެ. އަދި މިއީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ކުރާ ކަމެއް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މިމައްސަލައިގައި ކޯޓުން ނިންމާފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކުރީ ގާނޫނާ ހިލާފަށް ނޫން ކަމަށެވެ.