"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު މިހާރު އޮތްގޮތަށް ފާސްކުރުމާ ދެކޮޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން ހުށަހަޅާ ބިލްތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް މަޖިލީހުން ގެންނާނެކަމަށެވެ. އަދި ބައެއް ފަހަރު ސަރުކާރުން ބިލު ހުށަހެޅުމަށްފަހު އަނބުރާ ގެނެސްފައި ހުންނާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ނަފުރަތުގެ ބިލު މިހާރު އޮތްގޮތަށް ފާސްކުރުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫންކަމަށެވެ. އަދި އެ ބިލަށް ބައެއްކަހަލަ އިސްލާހުތައް ގެންނަންޖެހޭކަމަށް ވިދާޅުވިއެވެ.
ނަފްރަތުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އަލުން ވަނީ އިސްލާހު ކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދަށް ތާއީދުކުރާ މަޖިލިސް މެމްބަރުންނާއި ރައީސް ސޯލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ. އަދި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ރައީސް ސޯލިހްގެ އިސްތިއުފާއަށްވެސް ގޮވާލާފައިވެއެވެ.
ނަފްރަތުގެ ބިލު ފާސްކުރުމާއި ދެކޮޅަށް ކޯލިޝަންގެ ޕާޓީތަކުން އަންނަނީ އެދެމުންނެވެ. އެހެންނަމަވެސް ރައީސް ނަޝީދު ވަނީ އެ ބިލު ފާސްކުރުމަށް ގޮވާލައްވާފައެވެ. އަދި އެ ބިލު ފާސްކުރުމަށް ސަރުކާރުން ފަހަތައްޖެހޭތީ އެކަމާ ފާޑުވިދާޅުވެފައިވެއެވެ.