Last Updated: July 8, 22:18
Tuesday, July 8, 2025
ޚަބަރު

ޓީޗަރުންނަށްފަހު ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރާނަން: ރައީސް

ރައީސް ސޯލިހު ކުޅުދުއްފުށި ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ޓީޗަރުންގެ މުސާރަތަ ބޮޑުކުރުމަށްފަހު ދެން އޮންނާނީ ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ހުރިހާ ދާއިރާއެއްގައި ތިބި އެންމެންގެ މުސާރަތައް ހަމަހަމަ ކުރުމަށް ދިރާސާއެއް ހަދާފައިވާ ކަމަށާއި އެގޮތުން އޭގެ އަލީގައި އެންމެ ފުރަތަމަ މުސާރަ ބޮޑުކުރުމަށް ނިންމާފައިވަނީ ޓީޗަރުންގެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ޓީޗަރުންގެ މުސާރަ ބޮޑުކުރާ ޕަސެންޓެއް އަދި ދަންނަވަން ނޭނގޭ ކަމަށާއި އަދި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ހިދުމަތް ކުރާ ޓީޗަރުންނަށް އިތުރު އެލަވެންސެއް ދޭން ރާވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ޓީޗަރުންގެ މުސާރަތައް ބޮޑުކުރުމަށްފަހު އަމާޒަކީ ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރުން. ފުރަތަމަ އެޑިއުކޭޝަން ދެން ހެލްތު، އެގޮތަށް ގެންދާނީ" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެގޮތުން ރިޔާސީ ކެމްޕޭނުގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ ބުރަ އަދި ގިނަ ވަގުތު މަސައްކަތްކުރާ ޓީޗަރުންނަށް ލިބެނީ އެންމެ އެކަށޭނަ މުސާރައެއް ނޫންކަމަށާއި ކޯލިޝަންގެ ވެރިކަމެއްގައި ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް އިތުރު ކޮށްދެއްވާނެ ކަމަށެވެ.