Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

ޔުއެފާ ސުޕަ ކަޕް ޗެލްސީން ކާމިޔާބުކޮށްފި

ޕެނަލްޓީގައި 6-5 އިން ވިޔަރެއާލް ބަލިކުރުމަށްފަހު ޔޫއެފާ ސުޕަ ކަޕް ޗެލްސީން ހޯދައިފިއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޗެލްސީ އާއި ޔުރޮޕާ ލީގުގެ ތަށި ހޯދި ވިޔަރެއާލްގެ މެދުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

އެގޮތުން މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޗެލްސީންނެވެ. ހަވެޓްޒް ހުރަސްކޮށްލި ބޯޅައަކުން މެޗުގެ 27 ވަނަ މިނެޓްގައި މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދީނީ ހަކީމް ޒިޔެކް އެވެ. މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް ޗެލްސީ އަށް ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ލިބިގެން ގޮސްފައިވެއެވެ.

އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ވިޔަރެއާލްގެ އަލްބާޓޯ މޮރޭނޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެއެވެ.

ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފް ވިޔަރެއާލް އިން ފެށީ ވަރުގަދަކޮށެވެ. އެގޮތުން މި ހާފުގައި ވިޔަރެއާލް އިން ކައިރިކައިރީގައި ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު މެޗުގެ 73 ވަނަ މިނެޓްގައި ޖެރާޑް މޮރޭނޯ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ދެން ނަތީޖާ ނެރުމަށް ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން އެ ދެ ހާފްގައި ޗެލްސީގެ ޕުލިސިޗް އަދި މައުންޓަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

އެ ދެ ހާފް ކުޅެގެން ވެސް ނަތީޖާ ނުނެރެވުމުން ދެން ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީގައި ޗެލްސީގެ ހަވެޓްޒް ފޮނުވާލި ޕެނަލްޓީ ވިޔަރެއާލްގެ ކީޕަރު އަސެންހޯ ދިފާއުކުރިއިރު، އަޒްޕެލިކުއެޓާ އާއި އޮލޮންސޯ އާއި ޖޯޖީނިއޯ އާއި މައުންޓްގެ އިތުރުން ޕުލިސިޗް އާއި ރުޑިގާ ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ.

ވިޔަރެއާލް އިން ޕެނަލްޓީތައް ކާމިޔާބުކުރީ މޮރޭނޯ އާއި އެސްޓުޕިނާން އާއި ގޮމޭޒް އާއި ރާބާ އާއި ފޮޔިތް އެވެ. އެޓީމުގެ މަންޑީ އާއި ރައުލް އަލްބިއޯލް ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ކީޕަރު ކެޕާ ވަނީ ދިފާއުކޮށްފައެވެ. ކެޕާ މި މެޗުގައި ކުޅެން އެރީ ވެސް ސީދާ ޕެނަލްޓީ ޖަހަން ކައިރިވުމުންނެވެ.