Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އަލީ ވަހީދު ގެނެސްދިނުމަށް ފުލުހުގައި އެދޭނަން: ކަރެކްޝަންސް

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު: ފޮޓޯ - މަޖިލިސް

ޖިންސީ ގޯނާގެ ދައުވާ އަދި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ކަރެކްޝަނަލް ސާވިސުން ބުނެފިއެވެ.

އަލީ ވަހީދުގެ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަކާއި ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް އަމުރު ރައްދުކޮށް ކޯޓަށް ހާޒިރުވެފައިނުވާތީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެ އަމުރު ތަންފީޒު ކުރުމަށް ކަރެކްޝަންސްގެ މައްޗަށްވެސް އަމުރު ކޮށްފައިވެއެވެ.

އެ އަމުރު ތަންފީޒު ކުރުމާއި ގުޅޭގޮތުން "އައްޑޫލައިވް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމް ލިބިފައިވާކަމަށެވެ.

ކަރެކްޝަންސްއިން ބުނެފައިވަނީ ރިމާންޑްގައި ނެތް ފަރާތެއްގެ މައްޗަށް ހުކުމެއް ކޮށްފިނަމަ އަމަލުކުރާ އާންމު އުސޫލަކީ އެ ފަރާތެއް ގެނައުމަށް ފުލުހުންގެ ފަރާތުން އެދުންކަމަށެވެ. އަދި މި މައްސަލައިގައިވެސް އަލީ ވަހީދު ގެނައުމަށް ފުލުހުންގެ ފަރާތުން އެދޭނެކަމަށް ކަރެކްޝަނަލް ސާވިސުން ބުނެފައިވެއެވެ.

އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އަލީ ވަހީދުއަށް ސުޕްރީމް ކޯޓުގެ އަމުރުލިބި އަމުރަށް ކިޔަމަން ނުވާ ހާލަތުގައި އެކަމާ މެދު ފިޔަވަޅެއް ނާޅާ ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބާރުވެރިކަމާމެދު ސުވާލުއުފެދި ކޯޓުތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމެއްކަމަށެވެ.

އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅެއް ނޭޅި ކޯޓުތަކުން އެކަމާ މެދު ކަމެއް ނުކުރެވި މައްސަލަތައް ހިންގޭގޮތްނުވެ "އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ" ރާއްޖޭގެ ދުސްތޫރީ ނިޒާމު ކިލަނބުވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތްކެނޑި ރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭކަމުގެ ތަސައްވުރު އުފެދޭކަމެއްކަމަށެވެ.