Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

މައްސަލަ ނިންމީ ދައުލަތާ ދެކޮޅަށް، މިއީ ޤާނޫނުއަސާސިއަށް ލިބުނު ކުރިއެރުމެއް: ޑރ. ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު

ނައިބު ރައީސް ކަމުން ވަކިކުރި މައްސަލައިގައި ސުޕްރީމް ކޯޓުން މައްސަލަ ނިންމާފައިވަނީ ދައުލަތާއި ދެކޮޅަށް ކަމަށާއި، އަދި މިއަދުގެ ހުކުމަކީ ޤާނޫނުއަސާސީއަށް ލިބުނު ކުރިއެރުމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

"އައްޑޫލައިވް"އާ ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވަނީ މި މައްސަލައިގައި ދައުލަތުން ހުށަހެޅިގޮތާއި ހިލާފަށް ކަމަށާއި ދައުލަތުން އެދިފައިވަނީ މަޖިލީހުގެ ނިންމުންތަކަކީ އެއްވެސް ކޯޓަކުން ބެލޭނެ މައްސަލައެއް ނޫންކަމަށް ކަނޑައެޅުމަށް ކަމަށެވެ.

"އެހެންނަމަވެސް ސުޕްރީމް ކޯޓުން ވިދާޅުވެފަ އެއޮތީ އެހެނެއް އެ މާނައެއް ނުކުރެވޭނޭ، ރައްޔިތުންގެ މަޖިލިސް ވެސް އަމަލުކުރަންޖެހޭނީ ޤާނޫނުއަސާސީގައިވާ ހަމަތަކުގެ ތެރެއިންނޭ." ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމަކީ، ރައްޔިތުންގެ މަޖިލީހުން އޭނާ ނައިބުރައިސް ކަމުން ވަކިކުރި މައްސަަލަ ކޯޓުތަކަށް ބެލޭނެކަމަށް ކަމަށެވެ. މަޖިލީހުގެ ނިންމުން ކޯޓުތަކުން ނުބެލޭނެކަމަށް ދައުލަތުން ބުނާ ބުނުމަށް ސުޕްރީމް ކޯޓުން އިންކާރުކުރިކަން މިއަދުގެ ހުކުމުން އެނގޭކަމަށް ޖަމީލް ވިދާޅުވިއެވެ.

"އައްޑޫލައިވް"އާ ވާހަކަ ދައްކަވަމުން ޑރ. ޖަމީލް އިތުރަށް ވިދާޅުވީ މިއަދުގެ ހުކުމުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ އިޖުރާއަތްތަކަކީ އެއް އިޖުރާއަތްތަކެއްގެ ގޮތުގައި ޤާނޫނުއަސާސީގައި ކަނޑައަޅާފައި އޮތްކަން ސާފުވާކަމަށާއި އަދި އެފަދަ މައްސަލަތައް ކުރިއަށްގެންދަން ޖެހޭނީ އެ އުސޫލުގެ މަތިންކަން ސާފުވެފައިވާކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއަދުގެ ނިންމުމަކީ ޤާނޫނުއަސާސީއަށް ލިބިގެންދިޔަ ކުރިއެރުމެއް. އަދި އަޅުގަނޑު ވަކިކުރުމުގައި ރައްޔިތުންގެ މަޖިލީހުން އަމަލު ކޮށްފައިވަނީ ގޯހުންކަން މިއަދުގެ ސުޕްރީމް ކޯޓުގެ ހުކުމުން ސާފުވަނީ." ޑރ. ޖަމީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓު ގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން–

ޖޫން 2015 ގައި އިތުބާރު ނެތްކަމަށް ފާސްކޮށް ނައިބުރައީސްގެ މަގާމުން ދުރުކުރި މައްސަލައިގައި ޑރ. ޖަމީލް ސުޕްރީމް ކޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2 ކަމެކެވެ. އެއީ އޭނާ މަގާމުގައި ހުރުމަށް ނާގާބިލުކަމަށް ކަނޑައެޅީ ރައީސުލްޖުމްހޫރިއްޔާގެ ބަހެއް ނެތިކަމަށާއި، އަދި އޭނާ މަގާމުން ދުރުކޮށްފައިވަނީ ވަކީލަކު މެދުވެރިކޮށް އަދި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީކަމަށެވެ. އެހެންނަމަވެސް ދައުލަތުން ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓުގައި ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެ އިޖުރާއީ އިއުތިރާޒްކުރާ ކަމުގެ ނުކުތާތަކެއް ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ، މި މައްސަލައަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ މައްސަލަތަކުގެ ބާވަތްތަކުގެ ތެރެއިން ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރަކާ އަދި އެފަދަ އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާ ނިންމުމެއް ޤާނޫނުއަސާސީއާ ހިލާފުވާކަމަށްބުނާ މައްސަލައެއްކަމަށް ވާތީ މި މައްސަލަ ބެލުމުގެ އިހްތިސާސް އޮތީ ސިވިލް ކޯޓަށް ކަމުގައި ދެކޭކަމަށެވެ. އެހެންކަމުން މި މައްސަލައަކީ ސުޕްރީމް ކޯޓުގައި ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސު ލިބިފައިވާ މައްސަލައެއް ނޫންކަމަށް ކަނޑައަޅާ، މި މައްސަލަ ޑރ. ޖަމީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ އެ ކޯޓަށް މި މައްސަލަ ބެލިދާނެކަމަށް ހުކުމް ކުރާކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލާފައިވަނީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.