Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ފްލައިން ސްކޫލު އެވިޑަށް ދީފައިއޮތީ ކުއްޔަށް

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)އާ އެކު އެވިޑް ކޮލެޖުން ހަދާފައިވާ އެއްބަސްވުމަކީ ފްލައިން ސްކޫލް ކުއްޔަށް ހިފުމުގެ ގޮތުން ހަދާފައިވާ އެއްބަސްވުމެއްކަން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައިވަނީ ލައިން ސްކޫލްގައި ކިޔަވަމުންދާ 48 ދަރިވަރަކު އެ ސްކޫލްގެ އަތުން ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހުށަހަޅާފައިވާ ލިޔުމަކުންނެވެ.

އެ ލިޔުމުގައި ވާގޮތުން އޭއޭއޭއިން އެވިޑް ކޮލެޖާއެކު ކޮށްފައިވާ މުއާމަލާތަކީ އޭއޭއޭގެ ވަސީލަތް ކުއްޔަށް ހިފައިގެން އޭއޭއޭގެ ނަމުގައި ހިންގުމަށް ވެފައިވާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމަކީ އޭއޭއޭގެ ވިޔަފާރި އެވިޑަށް ވިއްކާލުމަށް ވެފައިވާ އެއްބަސްވުމެއް ނޫންކަން ލިޔެކިޔުންތަކުން ހާމަވެއެވެ.

އޭއޭއޭ އިން ހިންގަމުން އައި ފްލައިން ސްކޫލު ގަނެ އެތަން ހިންގުމުގެ މަސައްކަތާއި ހަވާލުވެފައިވާ ކަމަށް އެވިޑުން މިދިޔަ ޖޫން މަހުގެ ފަހުކޮޅު ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ދާދިފަހުން އޭއޭއޭ އިން ސިވިލް ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ގޮތުގައި އޭއޭއޭ އާއި އެވިޑާއި ދެމެދު ހެދިފައިވަނީ ލީސް އެގްރީމެންޓެކެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނު ގެ ދަށުން ޓްރާންސްޕޯޓު މިނިސްޓްރީއަށް އާންމު ފަރާތަކުން މައުލޫމާތު ހޯދުމަށް ހުށަހެޅި ފޯމަށް ދިން ޖަވާބުގައި އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ޕައިލެޓް ލައިސެންސްގެ ބޭނުމަށްޓަކައި ހިންގާ ޓްރެއިނިން ކޯސްތައް ހިންގޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެޕްރޫވަލް ހޯދައިގެން ކަމަށެވެ.

"މިގޮތުން 2021 ޖުލައި 17 އާއި ހަމައަށް އަދި މި ޖަވާބު ފޯރުކޮށްދިނުމާ ހަމައަށް ވެސް އެވިޑް ސްކޫލް އޮފް އޭވިއޭޝަން އަކީ އޭޓީއޯ އެޕްރޫވަލް ލިބިފައިވާ މުއައްސަސާއެއް ނޫން" ޓްރާންސްޕޯޓުން ބުންޏެވެ.

އޭޓީއޯ އެޕްރޫވަލް އެވިޑް ސްކޫލް އޮފް އޭވިއޭޝަނަށް ދޫކޮށްފައި ނުވާތީ އޭޓީޕީއެލް، ސީޕީއެލް، އައިއާރް، އެމްއީއާރް އަދި ޕީއެލް ފަދަ ޓްރެއިނިންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ އެވިޑް ސްކޫލް އޮފް އޭވިއޭޝަނަށް ދޫކުރެވިފައި ނުވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އަދި އޭޓީއޯ އެޕްރޫވަލް ހޯލްޑް ކުރާ އޯގަނައިޒޭޝަނެއްގެ އެޕްރޫވަލްގެ ދަށުން އެހެން ފަރާތަކަށް އެޕްރޫވްޑް ކޯސްތަކެއް ނުހިންގޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭއޭއޭ އާއެކު ގަން އެއާޕޯޓު ކުންފުނިން ހެދި އެއްބަސްވުން މިދިޔަ މަހުގެ 31 ގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އަދި އެ އެއްބަސްވުން އާކޮށްނުދޭން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީން (އޭއައިއޭ) ވަނީ ނިންމާފައެވެ. އަދި އޭއޭއޭ އިން ފްލައިން ސްކޫލް ހިންގަމުން އައި އިމާރާތް ހުސްކުރުމަށްވެސް އަންގާފައިވެއެވެ.