ކޮވިޑް-19 އާ ގުޅިގެން މިވަގުތު ފުރަބަންދުގެ ހާލަތުގައި އޮތީ ނުވަ ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިއެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅު ވަމުން އަންނައިރު މޮނިޓަރިންގެ ހާލަތުގައިވެސް އޮތް ރަށްރަށުގެ އަދަދު މަދުވަމުން އަންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 9 ރަށެއްކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އެ ރަށްރަށަކީ ރ. ދުވާފަރު، ކ. ކާށިދޫ، މ. ކޮޅުފުށި، ށ. ފީވަށް، ހއ. ތަކަންދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، އއ. ހިމަންދޫ އަދި ތ. ހިރިލަންދޫ އެވެ. މީގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތީ ދުވާފަރެވެ. އެ ރަށް މޮނިޓައިންގެ ހާލަތަށް ގެނެސްފައިވަނީ މޭ 25 ވަނަ ދުވަހުއެވެ.
ރާއްޖެއިން އިއްޔަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 116 މީޙުންނެވެ. އޭގެ ތެރެއިން މާލެއިން ޕޮޒިޓިްވ ވެފައިވަނީ 19 މީހުންނެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ހުރީ 2321 މީހުންނެވެ. މީގެ ތެރެއިން 22 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ބުނެފައިވެއެވެ. ރާއްޖެިއން މިބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 78،690 އަށް އަރާފައިވާއިރު 76،135 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. ރާއްޖެއިން މިބަލިން މިހާތަނަށް މަރުވެފައިވަނި 222 މީހުންނެވެ.