Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އަފްޣާނިސްތާނުގެ ހަމަނުޖެހުން: ޕާކިސްތާނަށް ފިޔަވަޅުއަޅަން ގޮވާލާ އަޑުގަދަވެއްޖެ

ތާލިބާނުންނާ ދެކޮޅު އަފްޣާންގެ ރައްޔިތުންތަކެއް ސަލާމަތީ ބާރުތަކާ އެކު-- ފޮޓޯ: ރޮއިޓާސް

އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ތާލިބާނުން ކުރިމަތިލާ ހިންގަމުންދާ ބޮޑު ހަމަނުޖެހުންތަކާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސޯޝަލްމީޑިއާގައި ގޮވާލާ އަޑު ގަދަވެއްޖެއެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ކުރިމަތިލާ ހިންގާ ހަމަނުޖެހުންތަކާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ގޮވާލަން ފަށާފައިމިވަނީ ޕާކިސްތާނުން ވައިގެ މަގުން ތާލިބާނުންނަށް އެހީތެރިކަން ފޯރުކޮށްދޭކަމަށް އަފްޣާނިސްތާނުގެ ނައިބު ރައީސް އަމްރުﷲ ސާލިހް ތުހުމަތު ކޮށްފައިވަނިކޮށެވެ. އަދި ތާލިބާނުންނަށް ޕާކިސްތާނުން އެހީތެރިވެދޭ ކަމަށް އަފްޣާނިސްތާނުގެ ރައީސް ވެސް ތުހުމަތު ކޮށްފައިވެއެވެ.

ސޯޝަލްމީޑިއާ އިންސައިޓް ކުންފުންޏެއް ކަމަށްވާ "ޓޯކްވޯކާ"އިން ބުނެފައިވާ ގޮތުގައި ޕާކިސްތާނަށް ފިޔަވަޅުއެޅުމަށް ގޮވާލާ ހޭޝްޓެގް ސޭންކްޝަން ޕާކިސްތާން (#SanctionPakistan)، ބުދަ ދުވަހު އެކަނިވެސް 730،000 އަށްވުރެއް ގިނަ ފަހަރު ޓްވިޓާގައި ބޭނުންކޮށްފައިވެއެވެ. އަދި އޭގެތެރެއިން 37 އިންސައްތަ ޓްވީޓް ކޮށްފައިވަނީ އަފްޣާނިސްތާނުން ކަމަށްވެސް ބުނެފައިވެއެވެ. މި ހޭޝްޓެގް އަފްޣާންގައި ބޮޑަށް ބޭނުންކުރަމުން އަންނަނީ ނޫސްވެރިންނާއި ހައްޤުތަކަށް ވަކާލާތުކުރާ މީހުންގެ މެދުގައެވެ.

އަފްޣާނިސްތާނުގެ ނައިބު ރައިސް މީގެކުރިން ތުހުމަތު ކުރެއްވި ގޮތުގައި ޕާކިސްތާނުގެ އަސްކަރީ ވައިގެ އުޅަނދުތަކުންވަނީ، އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން ތާލިބާނުންނަށް ހަމަލާދީފިނަމަ އަފްޣާނިސްތާނުގެ އަސްކަރީ އުޅަނދުތަކަށް ހަމަލާދޭނެކަމުގެ އިންޒާރުދީފައެވެ. އަމްރުﷲ ސާލިހް ތުހުމަތު ކުރައްވާފައިވާގޮތުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން މި އިންޒާރު ދީފައިވަނީ ތާލިބާނުން ކޮންޓްރޯލް ކުރަމުން އަންނަ އަފްޣާނިސްތާނާއި، ޕާކިސްތާނާއި ގުޅޭ ބޯޑަރު ހިމެނޭ ހިސާބުގައި އޮންނަ އަފްޣާނިސްތާނުގެ ހިސާބަކަށް ހަމަލާދީފިނަމަ އެކަމުގެ ރައްދެއްގެ ގޮތުގައެވެ.

އަފްޣާނިސްތާނުގެ މިތުހުމަތުތައް ޕާކިސްތާނުން ދޮގުކޮށްފައިވާއިރު، ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން ފިޔަވަޅުތަކެއް އަޅަންޖެހުނީ އެގައުމުގެ އަސްކަރިއްޔާއާއި ރައްޔިތުންނާއި ޕާކިސްތާނުގެ ސަރަހައްދު ދިފާއު ކުރުމަށް ކަމަށެވެ.

ޕާކިސްތާނުގެ މިހާރުގެ ސަރުކާރުން ތާލިބާނުންނަށް އެހީތެރިވާކަމަށްބުނެ ޕާކިސްތާނުގެ ސަރުކާރަށް އެ ގައުމުގެ ބައެއް ފަރާތްތަކުން ފާޑުކިޔަމުން ވެސް އަންނައިރު މިފަހުން އަފްޣާނިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ފަވާދް ޗައުދްރީ ވަނީ އެ ފަރާތްތަކަށްވެސް ރައްދު ދީފައެވެ. އެގޮތުން މައްސަލަ އޮތީ އަފްޣާނިސްތާނުގެ މިލިޓަރީ ތެރޭގައި ކަމަށާއި، އެމީހުންނަށް އެމީހުންގެ ތަންތަން ކޮންޓްރޯލް ނުކުރެވުމުގައި ކަމަށް ބުނެފައިވެއެވެ.

އަފްޣާނިސްތާނުގައި ޖުމުލަ 34 ޕްރޮވިންސް އޮންނައިރު އެ ގައުމުގެ 65 އިންސައްތަ ތާލިބާނުން ކޮންޓްރޯލް ކުރަމުން އަންނަކަމަށް ބޭރުގެ އިދާރާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އަދި އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ކުރިއަށްއޮތް 90 ދުވަހުގެ ތެރޭގައި ތާލިބާނުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް އަފްޣާނިސްތާނު ދާނެއެވެ. ތާލިބާނުން މިހާރުވެސް ވަނި އަފްޣާނިސްތާނުގެ 8 ޕްރޮވިންސްއެއްގެ ކެޕިޓަލް ސިޓީ އެމީހުންގެ ދަށަށް ގެންގޮސްފައެވެ.