މި މަހު ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނާއި އަދި ރާއްޖޭގެ ޑެލިގޭޝަނުގެ މެންބަރުންނާއި ޕެރަލިމްޕިކް ކޮމިޓީއާ ނައިބު ރައީސް ފައިޞަލް ނަސީމް ބައްދަލުކުރައްވައި އެތުލީޓުންނަށް ހިތްވަރު ދެއްވައިފިއެވެ.
ޖަޕާނުގައި މި މަހުގެ 24 އިން އަންނަ މަހުގެ 5 އަށް ބާއްވާ ޕެރަލިމްޕިކްގައި ރާއްޖޭގެ ފަރާތުން ވާދަކުރުމަށް ފުރުޞަތު ލިބިފައި ވަނީ މުޙައްމަދު މާޒިންއާ ފާޠިމަތު އިބްރާހީމަށެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ޕެރަލިމްޕިކްގައި ރާއްޖެއިން ވާދަކުރާ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މި ދެ އެތުލީޓުންނާއި މުޅި ޑެލިގޭޝަނަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަގޮތެއްގައި މާޒިންއާ ފާޠިމަތު އިބްރާހީމަކީ ވަރަށް އަޒުމާއި ހިތްވަރާއެކު ކުރިޔަށްދާ ދެ އެތުލީޓުންކަން ފާހަގަކުރައްވައި ކާމިޔާބީއަށް އެދިވަޑައިގަންވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި މި ދެ އެތުލީޓުން ވަނީ މުބާރާތުގެ ކުރިން ނައިބު ރައީސް ބައްދަލުކުރައްވައި ހިތްވަރުދެއްވީތީ އެކަން އުފަލާއެކު ފާހަގަކޮށްފައެވެ. އަދި މި މުބާރާތުގައި ކާމިޔާބު ހޯދައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަކީ ވަރަށްބޮޑު އުންމީދެއްކަން މި ދެ އެތުލީޓުންވެސް ފާހަގަކުރިއެވެ.
ޕެރަލިމްޕިކް ގޭމްސްގައި މުޙައްމަދު މާޒިންއާއި ފާޠިމަތު އިބްރާހީމް ވާދަކުރުމަށް ހަމަޖެހިފައި ވަނީ 100 މީޓަރ ސްޕްރިންޓުގައެވެ.