އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި އާސެނަލް ކުޅުނު ފުރަތަމަ މެޗުން އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އަތުން 2-0 އިން ބަލިވެއްޖެ އެވެ.
ބްރެންޓްފޯޑުގެ ދަނޑުގައި މިރޭ ކުޅުނު ނިކުތްއިރު އާސެނަލް އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހުން އައުމުގެ ސަބަބުން އެޓީމުގެ ދެ ފޯވާޑުން ކަމަށްވާ އޮބަމަޔަންގް އާއި ލަކަޒެޓް އަށް ނުކުޅެވުމެވެ. އަދި އަނިޔާގެ ސަބަބުން އާސެނަލްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާ ޕާޓޭ ވެސް މި މެޗުގައި ކުޅެފައެއް ނުވެއެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ބްރެންޓްފޯޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 22 ވަނަ މިނެޓްގައި ސާޖިއޯ ކަނޯސް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރެންޓްފޯޑަށް ވަނީ ލީޑު ފުޅާކޮށްލަން ވެސް ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި އާސެނަލް އިން ކުޅުން ރަނގަޅުކޮށް، ބްރެންޓްފޯޑުގެ ގޯލަށް ނުރައްކާ ކުރުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމީލް ސްމިތް ރޯވް ފޮނުވާލި ހަމަލާއެއް ބްރެންޓްފޯޑުގެ ކީޕަރު ދިފާއުކުރިއިރު ޒަކާ އާއި ޓިއެނީ ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
އާސެނަލް އިން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 73 ވަނަ މިނެޓްގައި ކްރިސްޓިއަން ނޯގާޑް ވަނީ ބްރެންޓްފޯޑުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. އެގޮތުން މި ގޯލު ނޯގާޑް ކާމިޔާބުކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މިއީ 77-1976 ވަނަ ސީޒަނަށްފަހު ލީގުގެ ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި ޓީމެއްގެ އަތުން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ޗެލްސީ އާއެވެ. އަދި ބްރެންޓްފޯޑް ނިކުންނާނީ ކްރިސްޓަލް ޕެލެސްއާއެވެ.