Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ކްލަބްހައުސްގައި މީހަކު އަޅުގަނޑޭ ކިޔައިގެން ވަރަށް ފިތުނަ އުފައްދާ، އެއީ އަޅުގަނޑެއް ނޫން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމަނިކުފާނުގެ ނަމުގައި މީހަކު ކްލަބްހައުސްގައި ވަރަށް ފިތުނަ އުފައްދާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެމްބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ކޮންމެވެސް މީހަކު އެމަނިކުފާނުގެ ނަމުގައި ކްލަބްހައުސްގައި ވަރަށް ފިތުނަ އުފައްދާކަމަށެވެ.

"އަނެއްދިވެހިރާއްޖެ އާއި އެލެކްސް އަހުމަދު ވެސް އެއީ އަޅުގަނޑުގެ ޓްވިޓާ އަދި ފޭސްބުކް އެކައުންޓް." ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މެސެޖުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ނަމުގައި ކްލަބްހައުސްގައި ފިތުނަ އުފައްދާ މީހެއްގެ ކަންކަން ސާފުކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.

މިކަން ހާމަކޮށް ރައީސް ނަޝީދު ޓްވީޓެއްވެސް ކުރައްވާފައިވެއެވެ. އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ކްލަބްހައުސްގައި އެމަނިކުފާނުގެ ނަމުގައި އިންނާނެ އެކައުންޓަކީ "މުހައްމަދު ނަޝީދު" އެކަނި ކަމަށެވެ.

މިފަހަކަށް އައިސް ދިވެހިިންގެ ތެރޭގައި ކްލަބްހައުސް ވެފައިވަނީ އެކި ކަންކަމުގައި ވާހަކަދެއްކުމާއި ހިޔާލު ބަދަލުކުރުމަށް ބޭނުންކުރެވޭ އެންމެ މަގުބޫލު ސޯޝަލްމީޑިއާ ޕްލެޓް ފޯމަށެވެ.