ކޮވިޑް-19 އިން ދިފާއުވުމަށް ރަޝިޔާއިން އުފައްދާފައިވާ ސްޕަޓްނިކް ވެކްސިން ދެން ރާއްޖެ ނުގެންނާނެކަން ހާމަކޮށްފިއެވެ.
އެޗްއިއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ސްޕަޓްނިކް ވެކްސިން ނުގެންނަގޮތަށް ސަރުކާރުން މިހާރު ނިންމާފައިވާކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ މިވަގުތަށް ބޭނުންވާވަރަށް ވެކްސިން ލިބިފައި ހުރުމުންކަމަށް ވިދާޅުވިއެއެވެ.
ސްޕަޓްނިކް ވެކްސިން ގެނައުމަށް މަޝްވަރާ ކުރެވުނު ނަމަވެސް އެއްވެސް ޕޭމަންޓެއް ދައްކާފައި ނުވާކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ސަރުކާރުން މިފަހުން ވަނީ ރާއްޖޭގެ އާބާދީއަށް ބޭނުންވާވަރަށް ވެކްސިން ލިބިފައިވާކަން ވެސް ހާމަކޮށްފައެވެ.
މިމަހުގެ ނުވަވަނަ ދުވަހު ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް 128،700 ޑޯޒްގެ ފައިޒާ ވެކްސިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފަ އެވެ. އަދި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ 700،000 ޑޯޒް ގެ ފުރަތަމަ ޝިޕްމަންޓްވެސް ރާއްޖެއަށް ލިބިފައިވާކަން ހާމަކޮށްފައިވެއެވެ.