އިންކަމް ސަޕޯޓް އެލަވެންސް ހައްޤުނޫން 217 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސް ދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އިންކަމް ސަޕޯޓް އެލަވެންސް ސްކީމުގެ ޕާރފޯމަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އާމްދަނީ ލިބޭ ފަރާތްތަކަށް އޮޅުވާލުމެއްގެ ތެރެއިން އެލަވެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާކަމާއި، އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވެންސް ދެވުމުގެ ރިސްކް އޮތްކަން ފާހަގަކުރެވޭކަމަށެވެ.
އެގޮތުން އެލަވެންސަށް އެދޭ ފަރާތްތަކަށް އިތުރު އާމްދަނީ އެއް ލިބޭކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ޤައުމީ ފެންވަރުގައި ގާއިމުކުރެވިފައި ނުވާކަމަށާއި އެ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި އިކޮނޮމިކް މިނިސްޓްރީއަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީއާއި ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހުގެ ސިސްޓަމްތަކާ ގުޅުވާލެވިފައި ނުވުމުގެ ސަބަބުން އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި އެލަވެންސަށް އެދުނު ފަރާތަށް އެހެން އާމްދަނީއެއް ލިބުނު ނަމަވެސް، އެކަން ދެނެގަނެވެން ނެތްކަމަށެވެ.
މީގެ އިތުރުން ނަގުދު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަކީ މާލީ ނިޒާމުގެ ތެރެއަށް ވަންނަ ފަރާތްތަކަކަށް ނުވުމުގެ ސަބަބުން އެފަދަ ފަރާތްތަކުން އެލަވެންސަށް އެދި ހުށަހެޅި ނަމަވެސް، އެ ފަރާތްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އަަދަދު ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. މިހެންވުމުގެ ސަބަބުން އާމްދަނީ ލިބޭ ފަރާތްތަކަށްވެސް އޮޅުވާލުމެއްގެ ތެރެއިން އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާކަމާއި، އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވެންސް ދެވުމުގެ ރިސްކް އޮތްކަމަށެވެ.
"އެގޮތުން ރީފަންޑަށް އެދެންޖެހޭ އެޕްލިކޭޝަންގެ ގޮތުގައި 217 އެޕްލިކޭޝަނެއް ފާހަގަކުރެވިފައިވާއިރު، މިފަދައިން އެންމެ ގިނައިން އަނބުރާ ފައިސާ ހޯދަން ޖެހިފައިވަނީ ވަޒީފާގައި އުޅެމުންދިޔަ ފަރާތްތަކަށް އެލަވެންސް ދެވިފައިވުމުގެ ސަބަބުންނެވެ." އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާގޮތުން މި ފަރާތްތަކުގެ އަތުން ދައުލަތަށް އަނބުރާ 409،969 ރުފިޔާ ލިބެންޖެހެއެވެ.
"އެގޮތުން، 217 ފަރާތަކާ ގުޅޭ މިފަދަ މައްސަލަތަކުން މިހާތަނަށް 409،969 ރުފިޔާ ދައުލަތަށް އަނބުރާ ލިބެންޖެހޭކަމަށް މިނިސްތްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ރިވިއުތަކުން ފާހަގަކުރެވި، އެ ފައިސާ ހޯދުމުގެ މަސައްކަތް ފެށިފައިވާކަން ފާހަގަކުރަމެވެ." އިންކަމް ސަޕޯޓް އެލަވެންސް ސްކީމުގެ ޕާރފޯމަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ސަރުކާރުން 22،946 މީހަކަށް 421 މިލިއަން ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައިވެ އެވެ.