Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

ބްރޫނޯގެ ހެޓްރިކާއެކު ޔުނައިޓެޑަށް ބޮޑު މޮޅެއް

ބްރޫނޯ ފަނާންޑޭސްގެ ހެޓްރިކާއެކު ލީޑްސް ޔުނައިޓެޑްގެ މައްޗަށް 5-1 އިން ކުރި ހޯދައި މޮޅަކާއެކު މެންޗެސްޓަރ ޔުނައިޓެޑުން ލީގު ފަށައިފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިއަދު ކުޅުނު މި މެޗު ފެށުމުގެ ކުރިން ވަނީ އެޓީމާއި ދާދިފަހުން ގުޅުނު ފްރާންސްގެ އިތުބާރު ޑިފެންޑަރު ރަފޭލް ވަރާން ފުރަތަމަ ފަހަރަށް ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ދައްކާލާފައެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 30 ވަނަ މިނެޓްގައި ޕޮގްބާ ދިން ޕާހަކުން ބްރޫނޯ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ޔުނައިޓެޑްގެ ލީޑު ފުޅާކޮށްލަން ލޫކް ޝޯ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ.

ޔުނައިޓެޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ލީޑްސްގެ ލޫކް އަޔަލިން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަޔަލިން މި ގޯލު ކާމިޔާބުކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ނަމަވެސް ލީޑްސް އިން ނަތީޖާ އެއްވަރުކުރިތާ ހަތަރު މިނެޓްފަހުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް އަލުން ލީޑު ނަގާދީފައެވެ. އަދި މެޗުގެ 54 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ތިންވަނަ ގޯލު ބްރޫނޯ ކާމިޔާބުކޮށްދިންއިރު، އޭގެ ހަ މިނެޓްފަހުން ބްރޫނޯ ވަނީ ޔުނައިޓެޑްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި ޔުނައިޓެޑްގެ ފަސްވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފްރެޑް އެވެ.

ބްރޫނޯގެ ހެޓްރިކާއެކު އޭނާ ވެގެން ގޮސްފައިވަނީ 78-1977 ވަނަ ސީޒަނަށްފަހު ލީގުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކް ހެދި އެޓީމުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާއެވެ. ލީޑްސް ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.