ހއ.ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދަމުން އަންނަކަމަށް އެ މަސައްކަތްކުރާ އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.
އެގޮތުން، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ކަމަށް ބުނެފައިވެއެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ތަކަންދޫއަށް ގެންދެވިފަވާކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 8.37 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.
އަދި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 6.33 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 1.04 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.
ތަކަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ 76,745,355.54 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ.