ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިވަގުތު ޗުއްޓީގައި އޮތީ ދެވަނަ ދައުރު ނިންމުމަށްފަހުއެވެ. މަޖިލީހުގެ އަމީން އާންމު "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވަނީ މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށާނެކަން ކަށަވަރު ކޮށްދެއްވާފައެވެ.
މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިމުނު ދައުރު ނިންމާލިއިރު، މަޖިލީހުގައި އޮތް އެންމެ ހިޔާލުތަފާތުވުން ބޮޑުވި ބިލަކީ ނަފުރަތުގެ ބިލެވެ. އެ ބިލު މިދިޔަ ދައުރުގައި ފާސްނުކޮށް އިސްލާހު ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އެ ބިލަށް އިސްލާހުތައް ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފަށާއިރުވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނަވާނީ ރާއްޖެއިން ބޭރުގައެވެ. އެމަނިކުފާނަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނު ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން އަންނައިރު އެމަނިކުފާނުގެ ސަލާމަތީ ކަންކަން ކަށަވަރު ނުވަނީސް އެނބުރި ރާއްޖެއައުމަށް ނޭދޭކަމަށް އެމްޑީޕީގެ ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފެށޭއިރު، މަޖިލީހުގައި އެމްޑިޕީގެ މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައެވެ. ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނާއި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު ރައީސް ސޯލިހް މިފަހުން ވަނީ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނުގެ އަތްޕުޅުގައިކަން ހާމަކުރައްވާފައެވެ.