Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ފޭކް ސްލިޕްގެ މައްސަލަތައް އިތުރުވެ ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ހިންގައިފި

ފޭކް ސްލޮޕް ބޭނުންކޮށްގެން ފިހާރަތަކުން ވައްކަން ކުރުމުގެ މައްސަލަ ބޮޑުވެ ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ފުލުހުން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 14 ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އެ ޕްރޮގްރާމްގައި، މާލޭގެ އުތުރުފަރާތު ބަނދަރު ސަރަހައްދުގެ 147 ފިހާރައަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާކަމަށެވެ.

އެގޮތުން، ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، ފިހާރަތަކުން އެ ބުނެފައިވާ އެކައުންޓަށް ފައިސާ ޖަމާކުރިކަމަށް ސްލިޕް ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފިހާރަތަކުގެ ސޭޓުންނަށް ނަސޭހަތްތެރިވެފައި ވާކަމަށެވެ. އަދި ފައިސާ ލިބުނުކަން ޔަގީންކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށާއި، ސްލިޕްގައިވާ މައުލޫމާތު ރަނގަޅަށް ޗެކު ކުރުމުގެ އިތުރުން އެކައުންޓް ނަންބަރު އަދި ފައިސާގެ އަދަދު ކަށަވަރު ކުރުމަށާއި ފައިސާ ޓްރާންސްފަރ ކުރި ތާރީހާއި ގަޑީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން ޓްރާންސްފަރ ކުރި މީހާގެ ނަމާއި އައިޑީ ކާޑު ނަންބަރު އަދި ފޯނު ނަންބަރު ނޯޓު ކުރުމަށްވެސް އިލްތިމާސްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފައިސާ ޓްރާންސްފަރ ކުރި ސައްހަ ސްލިޕް ލިބުނުކަމުގެ ޔަގީންކަން ދިނުމާއެކު ޗެޓްލޮގް ސްކްރީން ޝޮޓް ނަގައި ސޭވް ކުރުމަށާއި، ހިނގާފައިވާ މުއާމަލާތުގައި ޝައްކުކުރެވޭފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ފުލުުހުންނަށް ރިޕޯޓު ކުރުމަށްވެސް އިލްތިމާސް ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިފަހުންވެސް ފުލުހުން ވަނީ ފޭކް ސްލިޕް ބޭނުންކޮށްގެން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ މުދާ ހޯދާފައެވެ.