ރާއްޖެއަށް ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ބްރެޒިލް އަންހެން މީހާއަށް ޤާނޫނީ އިންޒާރު ދޭންޖެހުނީ ގޫގުލް ޓްރާންސްލޭޓް ބޭނުންކޮށްގެންކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ޖެކުއެލިން ފިލެޓޯ މަންސިނި ނަމަކަށް ކިޔާ ބްރެޒިލްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަންހެނެކެވެ.
އޭނާގެ ބަންދަށް އިއްޔަ ކޯޓުން ދީފައިވަނީ ދެ ދުވަހެވެ. އޭނާގެ ބަންދަށް ކުރު މުއްދަތެއް ކޯޓުން ދީފައިވަނީ އޭނާގެ ބަންދުގެ މުއްދަތު މަޖިލިސްތައް ތަރުޖަމާނަކާއެކު ކުރިއަށް ގެންދިއުން ރަނގަޅުވާނެކަމަށް މައްސަލަ ބައްލަވާ ގާޒީއަށް ގަބޫލުކުރެވިގެންނެވެ.
އޭނާގެ ބަންދު މަޖިލީހުގައި މައްސަލަ ބަލާ ފުލުހުންގެ އައިއޯ ބުނެފައިވަނީ އެ އަންހެން މީހާއަށް އިނގިރޭސި ބަސް ނޭންގޭކަމަށާއި، އޭނާއަށް އެނގެނީ ޕޯޗުގީޒް އަދި ސްޕެއިން ބަސްކަމަށެވެ. އަދި އޭނާއަށް ގޫގުލް ޓްރާންސްލޭޓް ބޭނުންކޮށްގެން ގާނޫނީ އިންޒާރު ޓްރާންސްލޭޓް ކުރެވުނު ކަމަށްވެސް އައިއޯ ކޯޓުގައި ބުނެފައިވެއެވެ.
ހުކުރު ދުވަހު ރާއްޖެއައި މި އަންހެން މީހާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށާއި އެތަކެތި ޓެސްޓް ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މި ތަކެތީގެ ބަރުދަނުގައި 3.197 ކިލޯގްރާމް ހުރި ކަމަށާއި، މިތަކެތީގެ މަގުމަތީ އަގު 15،985،000.00 ރުފިޔާއަށް އަރާކަމަށެވެ.