Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

މާސްކް އެޅުން ނިމުމަކަށް ގެނައުމުގެ ވިސްނުމެއް އަދި ނެތް: މިނިސްޓަރު ނަސީމް

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް--

މާސްކް އެޅުން ނިމުމަކަށް ގަނައުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިފަދައިން ވިދާޅުވެފައިވަނީ އުމުރުން 12 އަހަރާއި 17 އަހަރައި ދެމެދުގެ ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރު ނަސީމް ވިދާޅުވީ ރައީސްގެ އިސްނެންގެވުމާއެކު ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމާއެކު އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ގިނަ ބަޔަކު ވެކްސިން ޖެހި ޤައުމަށް މިހާރު ރާއްޖެ ވާނެކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް މިމަސް ނިމުގެކުރިން ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި އެ އަމާޒަށް ވާސިލު ވެވުނު ނަމަވެސް މާސްކް އެޅުމުގެ ނިމުމަކަށް ގެނައުމުގެ ވިސްނުން ނުގެންނުޅުއްވާކަމަށް ވިދާޅުވިއެވެ.

ފައިޒާ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއް ކަމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުން ހިމެނޭހެން ޖުމްލަ ފަސް ގްރޫޕެއްގެ ބަޔަކަށް މި ވެކްސިން ޖެހުމަށް އެޗްޕިއޭ އިން ވަނީ ނިންމާފައެވެ.

ފައިޒާ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތައް:

– 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން
– ދިފާޢީ ނިޒާމު ބަލިކަށި މީހުން
– މާބަނޑު މީހުން
– ކޮވިޝީލްޑް ނުވަތަ ސައިނޯފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑްއިފެކްޓެއް ކުރިމަތިވެފައިވާ ފަރާތްތައް
– ހަމައެކަނި ފައިޒާ ވެކްސިން ޤަބޫލުކުރާ ޤައުމުތަކަށް ކިޔަވަންދާ ފަރާތްތައް

އަދި މާބަނޑު މީހުންގެ ތެރެއިން، ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ޖަހާނީ ފައިޒާ ވެކްސިން ކަމަށާއި މާބަނޑު މީހުންގެ ތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން ފައިޒާ ނުވަތަ އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށް ހިޔާރުކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށްވެސް ރާއްޖޭގައި ފައިޒާ ވެކްސިން ޖެހުމަށް ނިންމާފައިވާއިރު، އެފަދަ ފަރާތްތަކުގެ ތެރެއިންވެސް އިސްކަންދޭނެ ފަރާތްތައް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާޢީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނަށް މި ވެކްސިން ޖެހިދާނެއެވެ. އަދި ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި، ގަވާއިދުން ޑަޔަލިސިސް ހަދަމުންދާ މީހުންގެ އިތުރުން ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.