Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ލޭއޮހޮރުވުމަށް ނުގޮސް ވެރިކަން ހަވާލުވުކުރުމުގެ މަޝްވަރާތައް ފަށައިފި

ތާލިބާންގެ ހަނގުރާމަވެރިން-- ފޮޓޯ: އޭއެފްޕީ

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަންކުރާ ސިޓީ ކާބުލް ވަށާލާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ތާލިބާނުން ކާބުލް ވަށާލާފައިވާއިރު އަފްޣާނިސްތާނުގެ ރައީސް ދިރިއުޅުއްވާ ގެކޮޅުގައި ވެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ތާލިބާނުން އަފްޣާން ސަރުކާރާ އެކު މަޝްވަރާ ކުރަމުން އަންނަކަމަށްވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ތާލިބާނުން ކާބުލް ވަށާލާފައިވާއިރު އެމީހުންގެ ހަނގުރާމަވެރިންނަށް ކާބުލްއަށް އަދި ނުވަނުމަށް ތާލިބާނުން އަންގާފައިވާކަމަށާއި، ލޭ އޮހޮރުވުމަކަށް ނުގޮސް އަދި މީހުންގެ މުދަލާއި ސަރުކާރުގެ ތަންތަނަށް ގެއްލުންނުދީ ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރުމަށް މަސައްކަތް ކުރާނެކަމަށް ތާލިބާނުންނާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުލްހަވެރިކަމާ އެކު ވަގުތީ ސަރުކާރަކާ ވެރިކަން ހަވާލުކުރުމުގެ ކަންކަން ކުރެވޭނެ ކަމަށް އަފްޣާނިސްތާންގެ އިންޓީރިއާ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"އަފްޣާންގެ ރައްޔިތުން ބިރުގަންނަންޖެހޭ ސަބަބެއް ނެތް. ކާބުލްގައި ހަމަލާ ބަދަލުކުރުމެއް ނޯންނާނެ އަދި ސުލްހަވެރިކަމާ އެކު ވަގުތީ ސަރުކާރަކާ ވެރިކަން ހަވާލުކުރެވޭނެ." އަފްޣާނިސްތާންގެ އިންޓީރިއާ މިނިސްޓަރާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން ފެށުމާ އެކު ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ބޮޑެތި ޕްރޮވިންސްތައް ހިފަން ފަށާފައެވެ. އަދި ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނުގެ ބޮޑެތި ޕްރޮވިންސްތަކުގެ މައި ސިޓީތައް ގެނެސްފައިވާއިރު އަފްޣާނިސްތާނުގެ 60 ޕަސެންޓަށް ވުރެއް ބޮޑު ބައެއް އެމީހުންގެ ބާރުގެ ދަށަަށް ގެނެސްފައިވެއެވެ.