ބަޔާން މިއުނިކް އަދި ޖަރުމަނުގެ ފުޓްބޯޅަ ލެޖެންޑް ގާޑް މުލާ މަރުވެއްޖެއެވެ.
އުމުރުން 75 އަހަރުގައި މުލާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އެވެ. އެގޮތުން 2015 ވަނަ އަހަރު ބަޔާން މިއުނިކުން ވަނީ މުލާ އަށް އަލްޒައިމާ ބަލިޖެހިފައިވާކަން ހާމަކޮށްފައެވެ.
މުލާ މަރުވިކަން ހާމަކޮށް ބަޔާން އިން ނެރުނު ބަޔާނުގައި އެ ކްލަބުގެ ރައީސް ހާބަޓް ހައިނާ ވިދާޅުވީ މިއަދަކީ ބަޔާން އަދި އެ ކްލަބަށް ސަޕޯޓުކުރާ ހުރިހާ ފަރާތްތަކަކަށް ވެސް ކަޅު ދުވަހެއް ކަމަށެވެ.
"މުލާ އާއި ނުލައި މިއަދު މިދެކޭ ބަޔާނެއް ނުފެންނާނެ. މުލާގެ ހަނދާންތައް އަހަރުމެންނާއެކު އަބަދުވެސް ވާނެ" ހައިނާ ވިދާޅުވިއެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް 1970 ވަނަ އަހަރު ހޯދި މުލާ ވަނީ 1974 ވަނަ އަހަރު ޖަރުމަނާ އެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އަދި 1972 ވަނަ އަހަރުގެ ޔޫރޯ ވެސް މުލާ ކާމިޔާބުކުރިއިރު އޭނާ ވަނީ އެ ޓީމަށް 62 މެޗު ކުޅެދީ 68 ގޯލު ކާމިޔާބުކޮށްދީފައެވެ.
ބަޔާންގައި 15 އަހަރު ހޭދަކުރި މުލާ ވަނީ އެޓީމަށް ކުޅެދިން 594 މެޗުގައި 547 ގޯލު ކާމިޔާބުކޮށްފައެވެ. މުލާ ވަނީ އެ ޓީމާއެކު ޖަރުމަނު ލީގު ހަތަރު ފަހަރު، ތިން ޔޫރަޕިއަން ކަޕް އަދި ޔޫރަޕިއަން ކަޕް ވިނާސް ކަޕެއް ހޯދާފައެވެ.
ފުޓްބޯޅައިގެ ގިނަ ރިކޯޑުތަކެއް ހަދާފައިވާ މުލާގެ އެންމެ ފާހަގަކޮށްލެވޭ ރިކޯޑަކީ ކަލަންޑަރު އަހަރެއްގައި 85 ގޯލު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރެކޯޑެވެ. ނަމަވެސް 2012 ވަނަ އަހަރު ބާސެލޯނާގެ ކުރީގެ ތަރި ލިއޮނަލް މެސީ ވަނީ އެ ރިކޯޑު މުގުރާލާފައެވެ.