Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އަފްޣާނިސްތާނުގެ ރައީސް ޤައުމު ދޫކޮށް ފުރައިފި

އަފްޣާންގެ ރައީސް އަޝްރަފް ޣަނީ އިއްޔަ އެގައުމުގެ އެކްޓިން ޑިފެންސް މިނިސްޓަރާ އެކު--

ތާލިބާނުންގެ ބާރު އަފްޣާނިސްތާނުގައި ގަދަވެ ވެރިކަން ކުރާ ކާބުލް ސިޓީ ވަށާލާފައިވަނިކޮށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ޤައުމު ދޫކޮށް ފުރާފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ތާލިބާނުން ކާބުލް ޕްރޮވިންސަށްވަދެ ކާބުލް ސިޓީ ފަށާލާފައިވާއިރު މިއަދުގެ ކުރީ ވަގުތުތަކެއްގައި ވެސް ވަނީ އަފްޣާންގެ ރައިސް އަޝްރަފް ޣަނީ ޤައުމު ދޫކޮށް ފުރާފައިވާކަމަށް ރިޕޯޓް ކޮށްފައެވެ. އެހެންނަމަވެސް އަޝްރަފްގެ އަރިސް ބޭފުޅުންތަކަކާ ހަވާލާދީ އެ ރިޕޯޓް ދޮގުކޮށް ރައީސް ދިރިއުޅުއްވާ ގެކޮޅުގައި ސަލާމަތީ ބާރުތަކާ ފޯނުން ގުޅުއްވައިގެން އުޅުއްވާ ވީޑިއޯއެއްވެސް ޓްވީޓް ކޮށްފައިވެއެވެ

އެހެންނަމަވެސް މިހާރު ބޭރު މީޑިއާތަކުން ވަނީ އަފްޣާންގެ ރައީސް ޤައުމު ދޫކޮށް ފުރާފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. އަދި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އަފްޣާންގެ ރައީސް އޮފީހުން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އަޝްރަފް ޣަނީގެ މޫވްމެންޓްސް ހިއްސާ ކުރުވެން ނެތްކަމަށް މީޑިއާތަކަށް ރިޕޯޓް ކޮށްފައެވެ.

އެހެންނަމަވެސް އިންޓީރިއާ މިނިސްޓްރީގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ވަނީ ރައީސް އަޝްރަފް ޣަނީ ތަޖްކިސްތާނަށް ގޮސްފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

ތާލިބާނުން ކާބުލް ސިޓީ ވަށާލާފައިވަނިކޮށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ގައުމު ދޫކޮށް ފުރާފައިވާކަމަށް ރިޕޯޓް ކުރަން ފެށުމުން ތާލިބާނުން ވަނީ އެކަން ބަލަމުން އަންނަކަން ހާމަކޮށްފައެވެ.

ތާލިބާނުން ކާބުލް ވަށާލާފައިވާއިރު އަފްޣާނިސްތާނުގެ ރައީސް ދިރިއުޅުއްވާ ގެކޮޅުގައި ވެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ތާލިބާނުން އަފްޣާން ސަރުކާރާ އެކު މަޝްވަރާ ކުރި ކަމަށްވެސް މީގެ ކުރިން މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުގެ ވަގުތީ ސަރުކާރު ހިންގެވުމާ ހަވާލުވާނީ 2003 ވަނަ އަހަރުން 2005 ވަނަ އަހަރަށް އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓަރުކަން ކުރެއްވި އަހުމަދު އަލީ ޖަލާލީ އެވެ.

ތާލިބާނުން ކާބުލް ވަށާލާފައިވާއިރު އެމީހުންގެ ހަނގުރާމަވެރިންނަށް ކާބުލްއަށް އަދި ނުވަނުމަށް ތާލިބާނުން އަންގާފައިވާކަމަށާއި، ލޭ އޮހޮރުވުމަކަށް ނުގޮސް އަދި މީހުންގެ މުދަލާއި ސަރުކާރުގެ ތަންތަނަށް ގެއްލުންނުދީ ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރުމަށް މަސައްކަތް ކުރާނެކަމަށް ތާލިބާނުންނާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ތާލިބާންގެ ހަނގުރާމަވެރިއެއް– ފޮޓޯ: ރޮއިޓާސް

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުލްހަވެރިކަމާ އެކު ވަގުތީ ސަރުކާރަކާ ވެރިކަން ހަވާލުކުރުމުގެ ކަންކަން ކުރެވޭނެ ކަމަށް އަފްޣާނިސްތާންގެ އިންޓީރިއާ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"އަފްޣާންގެ ރައްޔިތުން ބިރުގަންނަންޖެހޭ ސަބަބެއް ނެތް. ކާބުލްގައި ހަމަލާ ބަދަލުކުރުމެއް ނޯންނާނެ އަދި ސުލްހަވެރިކަމާ އެކު ވަގުތީ ސަރުކާރަކާ ވެރިކަން ހަވާލުކުރެވޭނެ." އަފްޣާނިސްތާންގެ އިންޓީރިއާ މިނިސްޓަރާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން ފެށުމާ އެކު ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ބޮޑެތި ޕްރޮވިންސްތައް ހިފަން ފަށާފައެވެ. އަދި ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނުގެ ބޮޑެތި ޕްރޮވިންސްތަކުގެ މައި ސިޓީތައް ގެނެސްފައިވާއިރު އަފްޣާނިސްތާނުގެ 60 ޕަސެންޓަށް ވުރެއް ބޮޑު ބައެއް އެމީހުންގެ ބާރުގެ ދަށަަށް ގެނެސްފައިވެއެވެ.