އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެމްބަރުކަމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.
އީސީގެ މެމްބަރު ކަމުގެ މަގާމު ހުސްވެފައިވަނީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މިއަދުގެ މަޖިލީހަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ އީސީގެ މެމްބަރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުވާފައެވެ.
އެގޮތުން އެ މަގާމަށް ކުރިމަތިލާފައިވަނީ މުހައްމަދު އަސިފް / ހ. އިރުވައި، ޝަހުލާ އިސްމާއިލް / ފިނިއުނިމާގެ، ޅ. ހިންނަވަރު، އަޒްލީމާ އަހުމަދު / ދަފްތަރު، އަހުމަދު މަންސޫރު / ވ. ރިވެތި އަދި މަރިޔަމް ހަނީފާ ހާލިދު / އަނބުގަސްދޮށުގެ، ހއ. ކެލާ އެވެ.
މީގެތެރެއިން އާސިފަކީ އިލެކްޝަން ކޮމިޝަންގައި މީގެ ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ޝަހުލާ އަކީ އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
މި ނަންތައް ދިރާކުރުމަށް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.