Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް 4 ނަމެއް

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް 4 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ މަގާމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ހުށަހެޅުއްވި ތަރުތީބުން އިއްވާފައެވެ.

އެގޮތުން އެ މަގާމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަކީ، ޝިހާމް މުހައްމަދު ވަހީދު، އަހްމަދު އާހިދު ރަޝީދު، މަރިޔަމް އަލީމް އަދި އަޒްލީމާ އަހްމަދެވެ.

ޤާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް އެ މަގާމަށް ބޭފުޅަކު އައްޔަނު ނުކުރެވި ލަސްވެފައިވަނީ މަޖިލީހުގެ ކޮމިޓީން މީގެ ކުރިން ފޮނުވި ނަންތަށް ފާސްނުވުމާ ގުޅިގެންނެވެ. މައުލޫމާތު ހޯދާ ލިބިގަތުގެ ހައްޤުގެ ޤާނޫނުގައި ބުނެފައިވާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް ބޭފުޅަކު އައްޔަނު ކުރަން ޖެހެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ފިޔާޒް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މާޗް 21 ވަނަ ދުވަހުއެވެ. ފިޔާޒް މަޤާމުން އިސްތިއުފާ ދެއްވިތާ 60 ދުވަސް ހަމަވެފައިވަނީ މޭ 20 ވަނަ ދުވަހަށެވެ.