Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ނާޒިމް އާއި ރިޔާޒް މިނިވަން މެމްމަބަރުންގެ ގޮތުގައި މަޖިލީހުގައި ދަފްތަރުކޮށްފި

އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖުމްހޫރީ ޕާޓީން ވަކިވި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެމްބަރުންގެ ގޮތުގައި ދަފްތަރު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ނާޒިމާއި ރިޔާޒް ޖޭޕީން ވަކިވެފައިވާކަން އަންގާ، މަޖިލީހުގެ ގަވައިދުގައިވާ ލިޔެކިޔުން ފޮނުވާފައިވާކަމަށެވެ. އެހެންކަމުން އެ ދެ މެމްބަރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ދަފްތަރު ކުރާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި މިހާރު މެމްބަރުން ތިބި ގޮތަށް ބަލާއިރު، އެމްޑީޕީގެ 65 މެމްބަރުން، ޕީޕީއެމްގެ 6 މެމްބަރުން، ޖުމްހޫރީ ޕާޓީގެ 3 މެމްބަރުން، ޕީއެންސީގެ 3 މެމްބަރުން، އެމްޑީއޭގެ 2 މެމްބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 8 މެމްބަރުންނެވެ.

ނާޒިމް އާއި ރިޔާޒް އަދި މަޖިލީހުގެ އިތުރު މިނިވަން މެމްމަބަރުން ތަކެއް ގުޅިގެން އުފައްދާ "މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)" އަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ޕާޓީއަށް މަޖިލީހުން ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ވިލިނގިލީ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު ގުޅިވަޑައިގެންފައިވެއެވެ.