ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބަޔަކު ފާރަލާ ކަމަށާއި، ހަމަލާއެއް ދޭން އުޅޭކަމަށް ތުހުމަތު ކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލަށް ވާހަކަ ދައްކަވަމުން އިލިޔާސް ލަބީބް ވިދާޅުވީ ކޮންމެ މީހަކަށްވެސް ދިރިއުޅުމުގެ ހައްޤު ލިބިގެންވާކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ގޮތް ނޭންގި އެތައް މަރެއް އަދި އެތައް ހަމަލާއެއް ދީފައިވާކަން ފާހަގަކޮށް އިލިޔާސް ވަނީ ޑރ. އަފްރާޝިމް އަލީ، ނޫސްވެރިޔާ ރިލްވާން އަބްދުﷲ އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
މި ހާމަލާތަކުގެ ފަހަތުގައި ތިބި މީހުން ހޯދާ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭކަމަށް ވިދާޅުވިއެވެ.
އަދި އިލިޔާސް ވަނީ މަޖިލީހުގެ އެހެން މެމްބަރުންގެ ފުރާނައަށް ނުރައްކާވާނެކަންކަން ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުން ތަކަކަށް ނުރައްކާ އެބައޮތް ކަމަށާއި އެމީހުންނަށް ފާރަލާ، ދިރިއުޅުއްވާ ތަންތަން ބަލާ، ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އިލިޔާސް ލަބީބް ވިދާޅުވިއެވެ.
މިފަދަ ކަންކަމުގެ ފަހަތުގައި ތިބޭ މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމުން މެނުވީ ރާއްޖޭގައި އުޅޭ އެއްވެސް ރައްޔިތަކަށް ހިތްހަމަޖެހުމެއް ނުލިބޭނެކަމަށްވެސް އިލިޔާސް ލަބީބް ވިދާޅުވިއެވެ.