Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ޝޭހް އިލިޔާސްއަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިން މައްސަލަ މަޖިލީހަށް

ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިނުމުގެ ބޭނުމުގައި އަދާލަތު ޕާޓިގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިހް އިލްޔާސް ހުސައިނަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ރަސްމީ ވަޒީފާއެއް ދީފައިވާކަމަށް އިލިޔާސް ވިދާޅުވި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެސް ފަރާތަކަށް ވިސާގެ ބޭނުމަށް އުސޫލުން ބޭރުން ވަޒީފާގެ ލިޔުމާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަކީ ގާނޫނާ ހިލާފްކަމެއްކަމަށެވެ. އަދި އެކަން ހިނގާގޮސްފައިވާ ގޮތް ބެލުމަށް މަޖިލީހުގެ ހާރިޖީގުޅުންތަކާބެހޭ ކޮމިޓީއަށް މިއަދު ހުށަހަޅާފައިވާކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކްލަބް ހައުސްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝޭހް އިލިޔާސް ވިދާޅުވީ އޭނާގެ ދަރިކަލުން މެލޭޝިޔާގައި ކިޔަވަން ހުންނާތީ މެލޭޝިއާގައި މަޑުކުރުމަށް ވިސާއެއް ހޯދަން އެދުމުން އެކަން ވެފައި ނުވާކަމަށެވެ.

އެކަމުގައި ލުއިމަގަކަށް އެދި ދިވެހި ސަރުކާރުގައި އެދިވަޑައިގެންނެވުމުން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދެއްވީ ކަމަށާއި، އަދި މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ކައުންސެލަރ ޓު ދަ އެމްބެސެޑަރގެ މަޤާމަކީވެސް ޑިޕްލްމެޓިކް ޕާސްޕޯޓް ދިނުމަށްޓަކައި ހަމައެކަނި ލިޔެކިޔުމުން އުފައްދާފައި އޮންނަ މުސާރަ ނުލިބޭ ވަޒީފާއެއް ކަމަށް ވެސް އިލިޔާސް ވިދާޅުވިއެވެ. އަދި އެއީ މަނާ ކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝޭހް އިލިޔާސަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދީފައި އޮންނަ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.