Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

ގޯތީގެ މައްސަލަ: ކައުންސިލުން ނެގި އިޖްރާއީ ނުކުތާ ބަލައި ނުގަތް!

އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓް--

އައްޑޫ އިކުއިޓޯރިއަލް ސަރަހހައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ބައެއް ގޯތި ނެގުމަށް ކައުންސިލުން ނިންމި ނިންމުން ބާޠިލް ކުރުމަށް އެދި ގޯތިތަކުގެ ވެރިން ހިތަދޫ މެޖިސްޓްރޭޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބޭރުކޮށްދިނުމަށް އެދި އައްޑޫ ސިޓީ ކައުންސިލުން ހުށަހެޅި އިޖްރާއީ ނުގުތާ ކޯޓުން ބަލައި ނުގަތުމަށް ނިންމައިފިއެވެ.

ހިތަދޫ މެޖިސްޓްރޭޓު ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ ގޯތިތައް ނެގުމާއި ގުޅޭގޮތުން ކައުންސިލުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއްް ކަމަށް ހިތަދޫ ކޯޓުން މީގެ ކުރިން ނިންމާފައިވާތީ މި މައްސަލަ އަކީ ކޯޓުން ބެލޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށް އިޖްރާއީ ނުކުތާއެއް ފާހަގަކޮށް މައްސަލަ ހުށަހަޅާފައެވެ.

ގޯތީގެ މައްސަލަ އާއި ގުޅިގެން ކުރިން ހިތަދޫ މެޖިސްޓްރޭޓުން ނިންމާފައިވަނީ ބިން ނެގުމަށް ކައުންސިލުން ނިންމައި ކުރި އިއްލާންނަކީ ބާޠިލް އިއްލާނެއް ނޫންކަމަށެވެ. އަދި ހުކުމުގައި ބުނެފައިވަނީ ބިން ބަދަލު ކުރެވޭނީ ކޯޓު މެދުވެރިކޮށް ކަމަށެވެ. އަދި ކައުންސިލަށް ބިން ބަދަލު ކުރެވޭނީ ބިމުގެ ވެރިފަރާތާއި މަޝްވަރާކޮށް ރުހުމުގައިކަމަށެވެ. އެނޫންގޮތަކަށް ބިން ނެގޭނީ ބަދަލު ދިނުމަށްފަހު ކޯޓު މެދުވެރިކޮށްކަމަށެވެ.

މި ނިންމުމަށް ރިޔާއަތްކޮށް ކައުންސިލުން ހުށަހެޅި އިޖްރާއީ ނުކުތާއާއި ގުޅިގެން މައްސަލަ ބެއްލެވި ގދ. ރަތަފަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު ނިހާމު ރަޝީދު ވިދާޅުވީ އެ މައްސަލައިގެ ހުކުމުގައި މައްސަލަ ހުށަހެޅި ފަރާތައް އެދެވޭ ފަރުވާއެއް ލިބިފައި ނުވާކަމަށެވެ. އެހެންވެ އިޖްރާއީ މައްސަލަ ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ގޯތީގެ މައްސަލަ އާއި ގުޅިގެން ހުށަހެޅިފައިވާ މައްސަލަ ކޯޓުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ގޯތީގެ މައްސަލަ އާއި ގުޅިގެން މިހާތަނަށް 14 މައްސަލައެއް ކޯޓަށް ވަނީ ހުށަހެޅިފައެވެ.