ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ވަގުތީ ކޯޗަކަށް އަލީ ސުޒޭން ހަމަޖައްސައިފިއެވެ.
ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލުމާ ގުޅިގެންނެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ރާއްޖޭގެ ކޯޗިން ޓީމު މިއަދު އެކުލަވާލާފައިވާ ކަމަށެވެ.
އެގޮތުން ގައުމީ ޓީމުގެ ވަގުތީ ކޯޗަކަށް ސުޒޭން ހަމަޖައްސާފައިވާއިރު، އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ތިބޭނީ އިސްމާއިލް މަހްފޫޒު (އިންމަ) އާއި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ. އަދި ގައުމީ ޓީމުގެ ގޯލްކީޕަރުންގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިމްރާން އާއި އަސްލަމް އެވެ. ޓީމުގެ ޑޮކްޓަރަށް ހަމަޖައްސާފައިވަނީ ޑރ.ރާފިއު އެވެ.
އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް އޮންނާނީ ރާއްޖޭގައެވެ.
ރާއްޖޭން މިހާތަނަށް މި މުބާރާތް ބޭއްވީ ލަންކާއާ ގުޅިގެން 2008 ވަަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ ރާއްޖެ އިންނެވެ.