އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ސަސްޕެންޝަންގައި ހުރި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވާދަނުކުރެވޭނެކަން އެ ޕާޓީން އަންގައިފިއެވެ.
އެމްޑީޕީން ރޭގައި ވަނީ އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގައި ވާދަކުރުމަށް 24 އެޕްރިލް 2021 ގައި ހުލުވާލުމާއި ގުޅިގެން ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޤައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމު ކޮށްފައެވެ.
އަދި އެމްޑީޕީން ވަނީ އިންތިހާބަށް ކުރިމަތި ލައްވާ ޝަރުތު ހަމަނުވާ ފަރާތްތަކަށް އެކަންވެސް އަންގާފައެވެ.
އެގޮތުން މިނިސްޓަރު މަހުލޫފް އަދި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް އެމްޑީޕީން ވަނީ ސިޓީއަކުން އެ ބޭފުޅުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެކަން އަންގާފައެވެ. އެގޮތުން އެ ދެ ބޭފުޅުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފް އާއި އަކްރަމް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ އެ ދެ ބޭފުޅުންގެ މައްސަލައެއް އިދާރާތަކުން ބަލަމުންދާތީ ކަމަށެވެ.
މަހުލޫފް ކުރިމަތި ލައްވާފައިވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. އަކްރަމް ކަމާލުއްދީން ވާދަކުރައްވާފައިވަނީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އޭނާއާ ވާދަކުރައްވަނީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.
އެމްޑީޕީން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދި މަރުތަކުގެ ކޮމިޝަނުން ބަލާ އެއްވެސް މައްސަލައަކާ ގުޅުންހުންނަ މީހަކަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭގޮތަށް ނިންމާފައެވެ.
މަހުލޫފްގެ މައްޗަށް ހިޔާނާތުގެ ފައިސާ ލިބުނު މައްސަލައިގައި ދައުވާ ކުރުމާމެދު ގޮތެއް ނިިންމުމުގެ މައްސަލަ ޕީޖީ އޮފީހުގައި އޮތްއިރު މަހުލޫފް ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްފިނަމަ ދައުލަތް އޮރިޔާންވާނެ ކަމަށްވެސް ބުނެފައެވެ.