"ޖަނަވާރުގެ ސިއްހަތާބެހޭ ބިލު"ގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ.
78 މާއްދާގެ މައްޗަށް އެކުލެވޭ މި ބިލު ހުށަހެޅުމުގެ ސަބަބެއްގެ ގޮތުން ބަޔާންކޮށްފައިވަނީ، ރާއްޖެއަށް ޖަނަވާރާއި، ޖަނަވާރުގެ އުފެއްދުންތަކާއި، ޖަނަވާރުގެ ބޭހާއި ކާނާއާއި އެނޫންވެސް ތަކެތި އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރިގޮތެއްގައި ޖަނަވާރު ގެންގުޅެ، ވިއްސައި އާލާކުރުމަށް މަގުފަހިކުމަށްޓަކައެވެ. އަދި ޖަނަވާރުގެ ދުޅަހެޔޮކަމުގެ ހާލަތު ރަނގަޅުކޮށް ކުރިއެރުވުމާގުޅޭ އުސޫލުތަކާއި، ޖަނަވާރަށާއި ޖަނަވާރުގެ ދާއިރާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް ޖަނަވާރުގެ ސިއްހަތާގުޅޭ ކަންކަމުގައި އަމަލުކުރަންވީ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގާއިމު ކުރުން ކަމަށެވެ.
މި ބިލަކީ އާންމު ގަވައިދުތަކާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގަވައިދު 2008" އަދި "ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު 2012" އަށް ގާނޫނީ ބާރު ލިބިދިނުމަށް ބޭނުންވާ ބިލެއްކަމަށްވެސް ބުނެފައިވެއެވެ.