މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވުމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އިއްޔަ މަޖިލީހުގައި ކުރިއަށް ގެންދިޔައީ އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލުގެ ބަހުސް ކަމަށާއި، މިއަދު މަޖިލީހުގައި ބަހުސް ކުރިއަށްދާ ބިލަކީ ސަރުކާރުގެ ހާލަތު ވަރަށް ރަނގަޅަށް ބަޔާންކުރާ ބިލެއް ކަމަށް ސައީދު ވިދާޅުވިއެވެ. ޖަނަވާރުގެ ސިއްހަތާބެހޭ ބިލު މިއަދުގެ ސަރުކާރުގެ ހާލަތާއި ގުޅެނީ ގައުމުގެ ކަންކަން ހުރިގޮތް ސަރުކާރަށް ނުވިސްނޭތީ ކަމަށް ސައީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިނުގެން ހުންނެވީ ދީފާނެ ހަމަލާއެއްގެ ސަބަބުން ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް މިއަދުގެ މަޖިލީހުގައި ވިދާޅުވި ވާހަކައާ ގުޅިގެން ސައީދު ވިދާޅުވީ އެއީ ނުރައްކާތެރި ވާހަކައެއް ކަމަށެވެ. އަދި ދައުލަތުގެ ވެރިން މަގާމުގެ ހުވާ ކުރެއްވުމަށްފަހު ރާއްޖެއިން ބޭރުގައި ތިބެންވެއްޖެނަމަ އެއީ ރަނގަޅަށް ހިނގާ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ.
"ދިވެހި ދައުލަތުގެ ތިން ބާރުގެ ވެރިން ހުވާ ކުރުމަށްފަހު ރާއްޖޭން ބޭރުގައި ތިބެންވެއްޖިއްޔާ މިއީ ކޮންކަހަލަ ދައުލަތެއްތޯ؟ ރައީސުލްޖުމްހުރިއްޔާއަށް ދީފާނެ ހަމަލާއަކަށްޓަކައި ރައީސުލްޖުމްހުރިއްޔާ ޖަރުމަނަށް، މަޖިލީހުގެ ރައީސަށް ދީފާނެ ހަމަލާއަކަށްޓަކައި އިނގިރޭސިވިލާތަށް، އުއްތަމަފަނޑިޔާރަށް ދީފާނެ ހަމަލާއަކަށްޓަކައި އެމަނިކުފާނު އެމެރިކާއަށް. ދެން ރައްޔިތުން ތިބެންވީ މި ގައުމުގަ، ގާނޫނު ހަދަނީ މި މަޖިލީހުން. ދެކޮޅެއް ނުޖެހޭ މިވާހަކައެއް. ކިހާ ދުވަހަކު ކަމެއް ކިހިނެއްކަމެއްވަނީ މި މަޖިލީހަކަށް، ރައްޔިތުންނަކަށް ނޭންގެ. ދެން މި އަންނަނީ ޖަނަވާރާ ބެހޭ ބިލު." ސައީދު ވިދާޅުވިއެވެ.
ސަައީދުގެ މި ވާހަކައާ ގުޅިގެން ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވަނީ ރައިސް ނަޝިދު ރާއްޖެއިން ބޭރުގައި ހުންނެވީ އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން ފަރުވާއަށް ކަމަށާއި، އަދި އެމަނިކުފާނު ހުންނެވީ ރާއްޖެ ވަޑައިނުގަންނަވަންވެގެން ނޫން ކަމަށް ވިދާޅުވިއެވެ.
އިލިޔާސް ލަބީބްގެ ނިޒާމީ ނުކުތާއާ ގުޅިގެން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނި މޭ 6ގެ ހަލަމާއަކީ މެމްބަރު ސައީދުއަށް އިނގިވަޑައިނުގަންނަވާ ހަމަލާއެއްހެން، އެމަނިކުފާނުގެ ވާހަކަތަކުން ދޭހަވާކަމަށެވެ.
އިތުރަށް ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އޭނާ ފާހަގަކުރީ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިއަކު ނެތް ވާހަކަ ކަމަށެވެ. ސިއްހީ ހާލުކޮޅަކީ މުޅިން ތަފާތު ކަމެއްކަމަށާއި، އެކަމަށް ރައިސް ނަޝީދަށް ހަމްދަރުދީ ވާކަމަށް ސައީދު ވިދާޅުވިއެވެ. އެހެންނަމަވެސް ސިއްހީ ހާލުކޮޅުގެ ބަދަލުގައި އެމަނިކުފާނު ފާހަގަކުރެއްވީ ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކަ ކަމުގެ ވާހަކަކަމަށް ސައީދު ވިދާޅުވިއެވެ.
ރައީސް ނަޝިދު ބޭރުގައި ހުންނެވުމުން އެކަމުގެ ކަންބޮޑުވުން ސައީދު ފާޅުކުރެއްވިއިރު، ރައީސް ނަޝީދު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމޭކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށްފައެވެ. އެ ފަރާތްތަކުގެ ތަހުގީގުނިމި އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި ރާއްޖެ ދިއުމަކީ އާއިލާއާއި ހެޔޮއެދޭ ފަރާތްތައް އަދި ހުދު އެމަނިކުފާނުވެސް ޖެހިލުންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވާ ރާއްޖެއިން ބޭރުގައި އުޅުމަށް "ހިތްހަލާސް" ކޮށްދިނުމަށް އެފުރުސަތު ފަހިކޮށްދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަވާއިރު ދައުލަތަށް ހިދުމަތް ކުރުމުގައި މަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.