ހަށިގޮއްވާލައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ލިބެމުން އަންނަކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.
ހަލީމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރިފް ދެއްކެވި ވާހަކަތަކަކާ ގުޅިގެން ނިޒާމީ ނުކުތާ ނަންގަވާ ދެއްކެވި ވާހަކައިގައެވެ.
އެގޮތުން ހަލީމް ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަތައް ޖޯކެއްގެ ގޮތުގައި ބައެއް މީހުން ނެގި ނަމަވެސް، އާޚިރުގައި ނިމިގެންދަނީ އެމަނިކުފާނު ދެއްކެވި ވާހަކަތައް ހަގީގަތަށް ވެގެން ކަމަށެވެ.
އަދި ރައީސް ނަޝީދު މިވަގުތު ރާއްޖެ ވަޑައިނުގެން އިނގިރޭސިވިލާތުގައި ހުންނެވީ ހަށިގޮއްވާލައިގެން ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ކެނޑިނޭޅި ލިބިވަޑައިގަންނަވާތީ ކަމަށް ހަލީމް ވިދާޅުވިއެވެ.
"މިވަގުތު ވަޑައިނުގެން އެ ހުންނެވީ އެމަނިކުފާނު އަވާހާރަކޮށްލަން ހަމަލާދިން ބޭފުޅުން އަދިވެސް މަގުމަތީގައި ދޫވެފައި ތިބީމައާ އަދި މިހާރުވެސް އެމަނިކުފާނަށް ކެނޑިނޭޅި ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އަންނަމުންދާތީ." ހަލީމް ވިދާޅުވިއެވެ.
ހަށި ގޮއްވާލައިގެން ރައީސް ނަޝިދަށް ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ލިބޭކަމަށް ހަލީމް ވިދާޅުވިއިރު، އިއްޔަގެ މަޖިލީހުގައި މެމްބަރު އިލިޔާސް ލަބީބް ވަނީ މަޖިލީހުގައ ނައިބު ރައީސް އީބާ އަބްދުﷲ އަދި މަޖިލީހުގެ ބައެއް މެމްބަރުންނަށް ބަޔަކު ފާރަލާ ކަމަށާއި، އަދި ހަމަލާއެއް ދޭން އުޅޭކަމަށް ތުހުމަތު ކުރެވޭކަމަށް ވިދާޅުވެފައެވެ.