ލާމަރުކަޒީ ޤާނޫނާ ފުށުއަރާ 27 ޤާނޫނެއް މިހާތަނަށް ފާހަގަވެފައިވާކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ވަހިދު ވިދާޅުވީ، ލާމަރުކަޒީ އުސޫލު ވަރުގަދަ ކޮށް ހަރުދަނާ ކުރުމަކީ އެމްޑީޕީގެ އަދި ސަރުކާރުގެވެސް ލެޖިސްލޭޓިވް އެޖެންޑާގެ އެންމެ މުހިންމު އެއްކަންކަމަށެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައިކަން ފާހަގަކޮށް ވަހީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްކަން ދޭންޖެހޭނެކަމަށް އެ ގާނޫނުގައި ލިޔުނު ކަމަށެވެ.
ވަހީދު ވިދާޅުވީ އާ ކައުންސިލްތައް އިންތިހާބުކޮށް ހުވާކުރިތާ މިހާރު ތިން މަސް ފާއިތުވެ ހިނގައްޖެ ކަމަށާއި، ތިން މަސްވިއިރު ކައުންސިލްތަކުން ތަސައްވަރުކުރި ގޮތާ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހުރި ދަތިތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަމުގެ ހައްލަށް ސަރުކާރާއި މަޖިލީހުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.
އެގޮތުން ލާމަރުކަޒީ ޤާނޫނާއި ފުށުއަރާކަމަށް މިހާތަނަށް ލާމަރުކަޒީ ކޮމިޓީއަށް ފާހަގަކުރެވޭ 27 ޤާނޫނެއް އެބައޮތްކަމަށް ވަހީދު ވިދާޅުވިއެވެ. އެހެންކަމުން ހެޔޮ ގޮތުގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް އަވަހަށް އެ ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ވަހީދު ވިދާޅުވީ ލާމަރުޒީ ނިޒާމު ހަރުދަނާ ކުރުމަށް މިހާރަށް ވުރެއް ބާރަށް ގުޅިގެން މަސައްކަތްތައް ކުރަންޖެހޭކަމަށެވެ.