ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިވަގުތު ބަހުސް ކުރުމަށް އޮތީ އެންމެ ދެ ބިލް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ދައުރުގައި ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ލިސްޓް މިއަދު މަޖިލީހަށް ފޮނުވާފައިވާއިރު އީވާ ވިދާޅުވީ، ތަޅުމުގައި މިހާރު ބަހުސް ކުރަން އޮތީ 2 ބިލެއް ކަމަށާއި، ގިނަ މަސައްކަތްތައް ހުރީ ކޮމިޓީގައިކަމަށެވެ.
އަދި މި ދައުރުގެ މައިގަނޑު މަސައްކަތް މި ވަގުތު ކުރެވެން އޮތީ ކޮމިޓީ މަރުހަލާގައި ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ޤަޞްދުކުރާ ބިލުތަކުގެ ތެރޭގައި އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހިމެނެއެވެ.
މީގެތެރެއިން ފާހަގަކޮށްލެވޭ ބައެއް ބިލުތަކުގެ ތެރޭގައި ހެއްކާބެހޭ ބިލު، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު، ޙައްޖާއި ޢުމްރާގެ ކަންކަން އިންތިޒާމުކުރުމާބެހޭ ބިލު، ފޮރިން އިންވެސްޓްމަންޓުގެ ބިލު، މަސައްކަތު މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު އަދި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ހިމެނެއެވެ.
މީގެ އިތުރުންވެސް، ޤާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި، ދީނީ އަދި އިޖްތިމާޢީ ދާއިރާއާގުޅޭ ބިލުތަކާއި، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެއެވެ.