Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ގެދޮރުވެރިޔާ ފްލެޓެއްގެ ކުލި 5500 ރުފިޔާ އަށް، މަސައްކަތް 2023 ގައި ނިމޭނެ!

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ސޯޝަލް ހައުސިންގެ 1000 ފްލެޓުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ ދެ ސްްޓޭޖަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރެއިން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރާ ކައުންސިލް އަދި އެފޯޑަބަލް ހައުސިންގ ކެޓަގަރީގެ ޔުނިޓްތަކުގެ ފައުންޑޭޝަންގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ. އަދި ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންގޮސް 2023 ވަނަ އަހަރުގެ ކުރީކޮޅު މި މަޝްރޫޢު އެއްކޮށް ނިއްމާލެވޭނެކަމަށް އެޗްޑީސީއިން ބުނެއެވެ.

މިއީ ދިވެހި ރާއްޖޭގެ ކުންފުންޏަކުން އިމާރާތް ކުރާ އެއްމެ ބޮޑު ގެދޮރުވެރިކަމުގެ މަޝްރޫޢުއެވެ. މި ޕްރޮޖެކްޓު ކުރިއަށް ގެންދަނީ ދިވެހި ކުންފުންޏެއްކަމަށްވާ އެޕޯލޯ ހޯލްޑިންސް އެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް ހައުސިންގ އަކީ ކައުސިންލްގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކެކެވެ. މި ޔުނިޓުތަކަކީ ހަމައެކަނި ލީސް ކުރާ ނުވަތަ ލީސް މޮޑޮލްއަށް ދެވޭ ޔުނިޓުތަކެކެވެ. އަދި އެފޯޑަބަލް ހައުސިންގގެ ދަށުން ލީސް ޓު އޯން އުސޫލުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ޔުނިޓުތަކަކަކީ މަހު ކުލި ދައްކާ ޔުނިޓަށްވާ ޖުމްލަ ފައިސާ ދެއްކާ ހަލާސް ކުރުމުން އެފަރާުތުގެ ނަމުގެ މައްޗަށް ރަޖިސްޓްރީ ބަދަލު ކުރެވިގެން ދާނެ ޔުނިޓުތަކެކެވެ. އަދި މި ޔުނިޓުތަކުގެ އަގު ކޮންޓްރޯލު ކުރުމަށް ވީހާވެސް ކުޑަ އަގެއްގައި މި ފަރާތްތަކަށް މި ޔުނިޓުތައް ދިނުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި ސަރުކާރުން މަހު ކުލީގެ ގޮތުގައި ނެގުމަށް ޓާގެޓް އަގުތަކެއް ވަނީ ކަނޑައެޅިފައެވެ.

މިޑް ލެވެލް ހައުސިންގ އަކީ ޕްރޮޖެކްޓް ހިންގާ ފަރާތުން ކަނޑައެޅިފައިވާ އަގުތަކަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޔުނިޓު ތަކެކެވެ. މިގޮތުން ޑިވެލޮޕަރުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ މިޑް ލެވެލް ހައުސިންގ ޔުނިޓުތަކުގެ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2400 ރުފިޔާއަށް ވުރެއް ބޮޑު ނޫން އަގެއް ހަމަޖެއްސުމަށް މިއެއްބަސްވުމުގެ ދަށުން ވަނީ ކަނޑައެޅިފައެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވޭ ޔުނިޓުތަކަކީ ޖާގައިގެ ގޮތުންނާއި އަދި އަގުގެ ގޮތުން ވެސް ސަރުކާރުން ކުރިން ހިންގާފައިވާ މަޝްރޫޢުތަކާއި އަޅާބަލާއިރު ގިނަ ހެޔޮބަދަލުތަކެއް ގެނެވިފައިވާ ޔުނިޓުތަކެކެވެ. މިގޮތުން ޔުނިޓުތަކުގެ އަގު ނުވަތަ އިމާރާތް ކުރުމަށް ދާ ޙަރަދު ކަނޑައެޅިފައިވަނީ މިހާރު މާކެޓް ނުވަތަ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި ކަނޑައަޅާފައިވާ އަގުތަކަށް ވުރެއް ނިސްބަތުން ކުޑަކުރެވިގެންނެވެ. މިގޮތުން ހިޔާ 7000 ހައުސިންގ ޔުނިޓުތަކާއި އަޅާބަލާނަމަ ކައުންސިލް ހައުސިންގެ ގޮތުގައި ކަނޑައެޅިފައިވާ ޔުނިޓުތަކުގެ އަގު ވަނީ %27 ކުޑަކުރެވިފައެވެ.

ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށް ފެންވަރު ރަނގަޅު އަދި ޖާގައިގެ ގޮތުން ތަނަވަސް ފުލެޓުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މި މަޝްރޫޢުގެ އިތުރުން ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ވެސް ރޭވިފައި ކަމަށް އެޗްޑީސީއިން ބުނެއެވެ.