Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ލިޔުންތައް ނުސާފުކަމުން ނިހާންގެ ޝަރީއަތް ކުރިއަށް ނުދިޔަ

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ ޝަރީއަތްވެސް ކުރިއަށް ނުގެންދެވި ނިންމާލަންޖެހިއްޖެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށްތަކާ ގުޅިފައިވާ ފައިސާ ނިހާނަށް ލިބުނު މައްސަލަ ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ތަހުގީގުކުރުމަށްފަހު ނިހާންގެ މައްޗަށް ވަނީ ހަ ދައުވާއެއް ކޮށްފައެވެ.

އެގޮތުން ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ކޯޓުގައި ވަނީ އެދިފަ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި މިއަދު އޮންލައިންކޮށް ކުރިއަށް ދިޔަ އަޑުއެހުގައި އޮތީ ދައުލަތުން ދައުވާ ހުށަހެޅުމަށެވެ. އަދި އަޑު އެހުން ފެށުމާއި އެކު ނިހާނުގެ ވަކީލް ހުސްނީ މުބާރަކު އަތް ނަންގަވައި ފުރުސަތަކަށް އެދުމުން ގާޒީ ފުރުސަތު ދެއްވުމުން ހުސްނީ މުބާރަކު ވިދާޅުވީ މައްސަލަ އާއި ގުޅިގެން ލިބިފައިވާ ލިޔުންތައް ކިޔަން ނޭގޭވަރަށް ނުސާފުކަމަށެވެ. އެހެންވެ ސާފު ލިޔުންތައް ބޭނުންކަމަށް ވަކީލު އެދުނެވެ.

މި މައްސަލަ ކޯޓުގައި ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ތިން ދުވަހުގެ ތެރޭގައި ސާފު ލިޔެ ކިއުންތައް ނިހާނު އާއި ހަވާލު ކުރުމަށް ދައުލަތަށް އަންގަވާފައެވެ. އަދި ތިން ދުވަހުގެ ތެރޭގައި ލިޔުންތައް ފޯރުކޮށްދޭނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މި މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައިވެސް ނިހާނުގެ ފަރާތުން ވަނީ މި މައްސަލަ ނަގާފައެވެ. އެ ފަހަރު އެގޮތަށް އދުމުން ލިޔެކިއުންތަކުގެ ސޮފްޓްކޮޕީ ވަނީ ނިހާނަށް ދީފައެވެ. ނަމަވެސް އެއިން ބައެއް ލިއުންތައް މަދުކަމަށް ނިހާނުގެ ވަކީލުން ވަނީ ފާހަކަގ ކޮށްފައެވެ.

ދައުލަތުން ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

މީގެއިތުރުން ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.