ރާއްޖޭގެ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އައިޝަތު ހިމްނާ ހަސަން އަނެއްކާވެސް އާކޮށްފިއެވެ.
ރެކޯޑް އާކުރީ ހޮންކޮންގުގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ހީޓުގައި 58.90 ސިކުންތުން ދުވެގެންނެވެ. ހިމްނާ އެންމެފަހުން މި ރެކޯޑު އާކޮށްފައިވަނީ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ހީޓުގައި 59.18 ސިކުންތުން ދުވެގެންނެވެ.
Congratulations @himnahasan , you did it again. New National Record in Women 400m (58.90) @Tholal pic.twitter.com/9ERLoWYiwk
— Athletics Association of Maldives (@AthleticsMv) August 18, 2021
މި މަހުގެ 22 ގެ ނިޔަލަށް ކެންޔާގެ ވެރިރަށް ނައިރޯބީ ގައި ކުރިއަށްދާ މި މުބާރާތަށް ހިމްނާ ހޮވުނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކުރިއަށްގެންދިޔަ ޓައިމް ޓްރެއަލްގެ އެންމެ ކުރި ހޯދައިގެންނެވެ. މި މުބާރާތުގައި ރާއްޖެ އަށް ލިބުނީ އެއް ޖާގަ އެވެ.
އައްޑޫ ސިޓީ އަށް ނިސްބަތްވާ ހިމްނާ އަކީ ފާއިތުވި ގިނަ މުބާރާތް ތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދުވުންތެރިއެކެވެ. ހަމަ އެހެންމެ އެތައް ފަހަރެއްގެ މަތިން މުބާރާތް ތަކުގައި އުމުރުފުރާގެ އެންމެ މޮޅު އެތުލީޓު އަދި ބެސްޓް އޯލް ރައުންޑް އެތުލީޓުގެ މަގާމު ވެސް ހިމްނާ ވަނީ ހޯދާފައެވެ.
އެގޮތުން ހިމްނާ ވަނީ 2018 އަދި 2019 ވަނަ އަހަރު އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑާއި، ޖޫނިއާ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުގެ އިތުރުން 400 މީޓަރު ދުވުމުން ގައުމީ ޔޫތު ރިކޯޑު ގާއިމުކޮށްފައެވެ.