Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ޖީކޭޑީއިން ފޭދޫ ރަށްދެބައި މަގުގައި ތާރުއަޅައި ނިންމަނީ

ފޭދޫ ރަށްދެބައި މަގުގައި ތާރު އަޅައި ނިންމުމުގެ މަސައްކަތް ބާރު ސްޕިޑެއްގައި ޖީކޭޑީއިން ކުރަމުން އެބަދެއެވެ.

ޖީކޭޑީއިން ރަށްދެބައި މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައި މިވަނީ ކުޑަ ދުވަސްކޮޅަކަށް މަސައްކަތް މެދުކެޑިފައި އޮތުމަށް ފަހުއެވެ.

ކޮވިޑު-19 އިގެ ސަބަބުން އެކުންފުނީގެ މަސައްކަތަށް ހުރަސްތަކެއް ދިމާވި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެކުންފުނިން އައްޑޫގައި ކުރަން ހަވާލުވެފައިވާ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ޖީކޭޑީއިން ރަށް ދެބައި މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާރު ވަނީ މަގުގެ މަސައްކަތް ގާތްގަޑަކަށް ނިމިފައެވެ.

ޖީކޭޑީއިން އައްޑޫގައި ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ބޮޑު މަގުގެ އިތުރުން ފޭދޫ ރަށްދެބައި މަގުގެ ތާރު އަޅައި ރީސާފޭސް ކުރާނީ އެކުންފުނިންނެވެ. މީގެ އިތުރުން ހިތަދޫ އޮޑައްސައު ސަރަހައްދުގެ މަގު ހަދަނީވެސް އެކުންފުނިންނެވެ. ހިތަދޫ އޮޑައުސައު ސަރަހައްދުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފެން ހިއްދާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މިހާރުވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

ހިތަދޫ މޫލެކެޑެ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ޖީކޭޑީ އިން ކުރަނީ

މީގެ އިތުރުން ހިތަދޫ ޓޫރިޒަމް ޒޯންގެ ލޭންޑުސްކޭޕިންގެ މަސައްކަތްވެސް ޖީކޭޑީއިން ދަނީ ކުރަމުންނެވެ.

ކޮވިޑާއި ގުޅިގެން މަސައްކަތްތަކަށް ހިޔަނި އެޅުނު ނަމަވެސް މިހާރު ގިނަ ސައިޓުތަކުގެ މަސައްކަތް ވަނީ ފެށިފައެވެ.

ޖީކޭޑީއިން ދާދި ފަހުން ވަނީ އެކުންފުނީގެ ސީއެސްއާރުގެ ދަށުން ހިތަދޫ ލިންކު ރޯޑުގެ ސިޓީ ސްކުއާ ސަރަހައްދުގެ ލިންކު ރޯޑު ވަރަށް ބޮޑަށް ހަލާކުވެފައި ވަނިކޮށް މަގަށް ތާރު އަޅައި ހަދާދީފައެވެ.

އައްޑޫގެ މޭޔަރ އަލީ ނިޒާރުގެ އެދުމުގެ މަތިން ޖީކޭޑީއިން ކޮށްދިން މި މަސައްކަތަށް މޭޔަރ ވަނީ ޝުކުރު އަދާކޮށްފައެވެ.