ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިނަމަ އައްޑޫސިޓީއަށް އިންޑިއާއިން އަތްގަދަ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"އައްޑޫލައިވް" އާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އައްޑޫ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ތަރައްޤީއަށް ބޭނުންވެފައިކަމަށާއި، އައްޑޫގައި ތަރައްޤީގެ މަސައްކަތެއް ނުކުރެވި އޮތުމަކީ އައްޑޫ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު މާޔޫސްކަމެއްކަމަށެވެ. ސައީދު ވިދާޅުވީ އައްޑޫގެ ރައްޔިތުންނާއި ވާހަކަދެއްކުމުން އިނގިގެން ދަނީ އެ ރައްޔިތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އިންތިޒާރު ކޮށްގެން ތިބިކަން ކަމަށާއި، ރައްޔިތުން ރައީސް ޔާމީންގެ ވެރިކަމަކަށް ވަރަށް އިންތިޒާރު ކުރާކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫސިޓީއަށް އިސްކަން ދީގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި، އެގޮތުން އެއާޕޯޓާއި ކުދި ވިޔަފާރިތައް އަދި އިގްތިސާދު ހިންގުމަށް ޕީއެސްއައިޕީގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށްފައި ހުންނާނެކަމަށް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ އައްޑޫގެ ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެގެންދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤި ކުރުމަށް ރައީސް ޔާމީން ދެއްވި ހާއްސަ އިސްކަމުގެ ސަބަބުން ކަމަށެވެ.
"ހަގީގަތުގައި މިއަދު ތިބޭފުޅުންނަށް [އައްޑޫސިޓީގެ ރައްޔިތުން] ގެސްޓް ހައުސްތަކުގެ ވިޔަފާރި ތިޔާގިވާން ދިމާވާ އެއްސަބަބަކީވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެހާ ބޮޑު ހަރަދެއްކޮށްގެން އެތަން ބޮޑުކޮށްފަ އޮތްއޮތުން. އައްޑޫއަށް އޭގެން މަންފާ ހޯދޭނެގޮތަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކޮށްފައޮތުން. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އޮތީ ބޭންކްރަޕްޓް ވެފަ." ސައީދު ވިދާޅުވިއެވެ.
"އައްޑޫލައިވް"އާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫސިޓީގައި މަސައްކަތްތައް ކުރިވަރަށް އެހެން ވެރިކަމެއްގައި މަސައްކަތް ކުރެވިފައި ނޯންނާނެކަމަށެވެ.
އިންޑިއާގެ އެހީގައި އައްޑޫގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ސައީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ އައްޑޫސިޓީއަށް އިންޑިއާއިން އަތްގަދަ ކުރުމަށް ފުރުސަތު ނުދެއްވާނެކަމަށެވެ. އަދި މިނިވަންކަން އިހުސާސްވުމަށްވުރެއް ބޮޑު އުފަލެއް ނޯންނާނެކަމަށެވެ.
ސައީދު ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ކުރީގެ ރައިސް މުހައްމަދު ނަޝީދު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސްވެ ހުންނަވާ އިންޑިއާއާއެކު ގޮތް ނޭންގޭ އެގްރިމެންޓްތަކެއްގައި ސޮއި ކޮށްފައިވާކަމަށާއި، އައްޑޫގެ ތަރައްޤީއަށް އެޅޭނެ އެންމެބޮޑު ހުރަހަކީ އެއީ ކަމަށެވެ.
އައްޑޫސިޓީގައި ބްރިޖެއް އެޅުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެ މަސައްކަތަކީ ރައީސް ޔާމީންގެ ވައުދެއްކަމަށާއި، އެމަނިކުފާނު 2018ގެ އިންތިހާބު ކާމިޔާބު ކުރެއްވިނަމަ އެ ވައުދު ފުއްދަވާނެކަމަށެވެ.
"އެ ވައުދު މިއަދު އެންމެ އަޑުގަދަކޮށް އެމްޑީޕީން އެ ދައްކަނީ، އެމްޑީޕީއަށްތޯ އެކަން ކުރެވޭނީ ރައީސް ޔާމީނަށްތޯ އެކަން ކުރެވޭނީ. ހަމަގައިމުވެސް ތިބޭފުޅުން އެކަމަށް ޖަވާބެއް ދެއްވިޔަސް އިނގޭނެ ރައިސް ޔާމީނަށްކަން މިހާތަނަށް އަމަލާ ބަހުން އެކަން ދައްކަވާފައޮތީ. ދެންވެސް އެކަން ކުރެވޭނެ."