ޒަރޫރީ ހާލަތަކާ ގުޅިގެން މަޖިލީހުގެ ރައީސަށް ތަޅުމަށް ހާޒިރު ނުވެވުމަކީ އިސްތިއުފާ ދޭންޖެހޭނެކަމެއް ނޫންކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް ވިދާޅުވެއްޖެއެވެ.
މޫސަ މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ވަޑަިއނުގެން ބޭރުގައި ހުންނަވާ، އަދި ޗުއްޓީގެ މުއްދަތު އިތުރު ކޮށްދެއްވުމަށް އެދިފައިވަނިކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލުމާ ގުޅިގެންނެވެ.
ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޒަރޫރީ ޙާލަތެއް މެދުވެރިވެގެން މަޖްލީހުގެ ރައީސް ތަޅުމަށް ޙާޒިރު ނުވެވުމަކީ އިސްތިއުފާ ދޭންޖެހޭނެކަމެއް ނޫން ކަމަށެވެ.
އަދި މަޖްލީހުގެ މެމްބަރުން ކޮންމެތާކު ހުންނެވިޔަސް ޖަލްސާގަ ބައިވެރިވެވޭކަން ކޮވިޑްގެ ހާލަތުގާ އެނގިގެންދިޔަ ކަމަށާއި، ޙާޒިރީވެސް ޤަބޫލުކޮށް ބިލްތަށް ފާސްކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
ޒަރޫރީ ޙާލަތެއް މެދުވެރިވެގެން މަޖްލީހުގެރައީސް ތަޅުމަށް ޙާޒިރު ނުވެވުމަކީ އިސްތިޢުފާދޭންޖެހޭނެކަމެއް ނޫން،މަޖްލީހުގެމެމްބަރުން ކޮންމެތާކުހުންނެވިޔަސް ޖަލްސާގަ ބައިވެރިވެވޭ ކަން ކޮވިޑްގެޙާލަތުގާ އެނގިގެންދިޔަ އަދި ޙާޒިރީވެސް ޤަބޫލުކޮށް ބިލްތަށްފާސްކޮށްފައިވޭ
— Moosa Maniku (Reeko) (@ReekoMoosa) August 19, 2021
ރައީސް ނަޝީދު މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމޭކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށްފައެވެ. އެ ފަރާތްތަކުގެ ތަހުގީގުނިމި އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި ރާއްޖެ ދިއުމަކީ އާއިލާއާއި ހެޔޮއެދޭ ފަރާތްތައް އަދި ހުދު އެމަނިކުފާނުވެސް ޖެހިލުންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވާ ރާއްޖެއިން ބޭރުގައި އުޅުމަށް "ހިތްހަލާސް" ކޮށްދިނުމަށް އެފުރުސަތު ފަހިކޮށްދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަވާއިރު ދައުލަތަށް ހިދުމަތް ކުރުމުގައި މަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.