ކޮވިޑް-19 އާ ގުޅިގެން މިވަގުތު ޖުމުލަ 17 ރަށް މޮނިޓަރިންގެ ހާލަތުގައި އޮތްކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މިއަދު މޮނިޓަރިންގެ ހާލަަތަށް ގެނެސްފައިވަނީ ގއ. ކަނޑުހުޅުދޫ އަދި މ. މަޑުއްވަރި ކަމަށެވެ.
ގއ. ކަނޑުހުޅުދޫ ކައުންސިލުން ބުނެފައިވަނީ ރޯގާ ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދައްކަމުންދާތީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން 17 އޮގަސްޓް 2021 ގައި ނެގި 4 ސާމްޕަލްގެ ތެރެއިން 1 ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރު 18 ސާމްޕަލެއް ނަގާފައިވާކަމަށެވެ.
މ. މަޑުއްވަރީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކަކުން ސާމްޕަލެކެވެ. އެ ކުއްޖާއަކީ ސްކޫލްގެ ދަރިވަރެއް ކަމުން މިވަގުތު ކޮންޓެކްޓުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު ރަށް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މީގެ އިތުރުން މޮނިޓަރިންގެ ހާލަަތަށް ގެނެސްފައިވަނީ ރ. ދުވާފަރު، ކ. ކާށިދޫ، ށ. ފީވަށް، ހއ. ތަކަންދޫ، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ، ހދ. މަކުނުދޫ، ބ. އޭދަފުށި، ބ. ކަމަދޫ، އދ. ހަންޏާމީދޫ، ހދ. ނެއްލައިދޫ، ހއ. އިހަވަންދޫ، ގދ. ތިނަދޫ، އދ. ދަނގެތި އަދި ގއ. މާމެންދޫއެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 79،149 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1679 ކޭސް އެވެ. މި ބަލިން 77،506 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 13 މީހަކަށެވެ. މި ބަލީގައި 222 މީހަކު ވަނީ ނިޔާވެފައެވެ.