އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލާ ފޮއްޓަކަށްލުމަށްފަހު މޫދަށް އެއްލާލި މައްސަލައިގައި ހައްޔަރު ކުރި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާންގެ މައްޗަށް 13 ދައުވާއެއް އުފުލައިފިއެވެ.
އެ ކުއްޖާގެ މަރުގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާކަމަށެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޒިހާންގެ އިތުރުން 17 އަހަރުގެ ކުއްޖެކެވެ. މި ދެމީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މި މައްސަލައިގައި ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މެރުން، ޖިންސީ ނިޔަތެއް އޮވެގެން އަތް ލުމުގެ ފަސް ދައުވާ، މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުން، ގްރޫމްކުރުން، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން، ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުން އަދި އިތުރު ދައުވާތަކެއްވެސް ހިމެނެއެވެ. ދެން ހިމެނޭ ކުޑަކުއްޖާގެ މައްޗަށް ގަސްތުގައި މީހަކު މެރުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ދައުވާ އުފުލާފައިވެއެވެ.
ޕީޖީ ޝަމީމް ވިދާޅުވީ ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް ކޮށްފައިވާކަމަށާއި، އަދި ސާބިތު ވެއްޖެނަމަ 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށެވެ. މި މައްސަލައާ ގުޅޭގޮތުން ޕީޖީ ޝަމީމް ވިދާޅުވީ އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށާއި، ޕޯސްޓްމޯޓަމް ރިޕޯޓުން ލިބުނު މައުލޫމާތު ވެސް ދައުވާކުރުމުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ.
13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ޖޫން 20 ވަނަ ދުވަހު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާއިރު އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވާ ޖޫން 21 ވަނަ ދުވަހުގެ ރޭ 2:38 ހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކުއްޖާ ފެނިފައިވަނީ ހުޅުމާލެ ފޭސް 2ގެ މޫދުން ފޮއްޓަކަށްލާފައި އޮށްވައެވެ.