Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ދަރަނީގެ ދަންތުރައިގެ ވާހަކައަށް ސައީދުގެ ރައްދު: "އަގުހެޔޮ ބާޒާރަކުން އެންމެންވެސް ވިޔަފާރި ކުރާނެ"

ޗައިނާގެ ދަރަނީގެ ދަންތުރައިގައި ރާއްޖެ ޖައްސާފައިވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެ، ޗައިނާގެ ދަރަނީގެ ދަންތުރަ ތަކެއްގައި ޖައްސާފައިވާކަމަށް ރައީސް ނަޝީދު ދައްކަވާ ވާހަކައަށް ރައްދު ދެއްވާ "އައްޑޫލައިވް"އާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އަގުހެޔޮ ބާރާޒަކުން ވިޔަފާރި ކުރުމަކީ އެންމެންވެސް ކުރާނެ ކަމެއްކަމަށާއި، ރައީސް ސޯލިހްގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކަރާ އޮތް ތަފާތަކީ ސިއްރު އެއްބަސްވުންތަކުގައި ސޮއި ނުކުރުންކަމަށާއި، އަދި ރާއްޖޭގެ ތަންތަން ބޭރަށް ނުވިއްކުންކަމަށެވެ.

"މިހާރުވެސް އޭރުވެސް ދުނިޔޭގައި އެންމެ އަގު ހެޔޮކޮށް ފައިނޭންސް ހޯދެން އެހެރީ ޗައިނާގެ ބޭންކްތަކުން. ޗައިނާގެ ބޭންކްތަކުން އިންޑިއާ، އެމެރިކާ، ޔޫރަޕަށްވެސް އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކަށް ނަގަނީ. އަގުހެޔޮ ބާޒާރަކުން އެއްޗެހި ގަތުމަކީ އެންމެންވެސް ކުރާނެކަމެއް."

ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ގެނައީ ޑިވަލޮޕްމެންޓް ފައިނޭންސް ކަމަށާއި، އޭގެ ނަތީޖާ މިއަދު ފެންނަމުން އަންނަކަމަށެވެ. މިއަދު ސަރުކާރުން އަމަލުކުރަމުން އަންނަގޮތުން ރައްޔިތުންގެ މުދާ ރަހުނުކުރާ ހިސާބަށް ގޮސްފައިވާކަމަށާއި، ފިނޭންސް މިނިސްޓަރު އަމީރް ގެންގުޅުއްވާ ސިޔާސަތުތައް ބޭރު އިދާރާތަކުންވެސް ގަބޫލުނުކުރާކަން މިއަދު ހާމަވާކަމަށެވެ. އަދި ވިދާޅުވީ "މިއަދު އިގްތިސާދީ ސިޔާސަތުގައި މިކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ހިތިކޮށް ބައްދަލުކުރާނެ" ކަމަށެވެ.

"އައްޑުލައިވް"އާ ވާހަކަ ދައްކަވަމުން ސައީދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް ދިނީ ބޮޑެތި އުންމީދުތަކަކާ އެކުގައި ނަމަވެސް އެ ސުޕަމެޖޯރިޓީން ރައްޔިތުންނަށް ލިބުނު ފައިދާއެއް ރަނގަޅެއް ނެތްކަމަށެވެ. ދައުލަތުގެ ތިން ބާރުވެސް އޮތީ ރައިސް ސޯލިހްގެ "ޖީބުގައި"ކަމަށާއި، ދައުލަތް ހަމަ މަގަށް އެޅުވުމުގެ އެއްވެސް ވިސްނުމެއް ރައީސް ސޯލިހްގެ ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިއަދު އެބަ އެނގޭ އެބޭފުޅުން އޭރު މަޖިލިސް ހޯދަންވެސް އަދި އިންތިހާބު ކާމިޔާބު ކުރަންވެސް ރައްޔިތުންނަށް ވަރަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލާފައިވާކަން. އަޅުގަނޑު ގަބޫލެއް ނުކުރަން ދެން މަޖިލިސް ތެރެއިން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިދާނެކަމަކަށް."