Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

ޔޫއެފާގެ އެވޯޑަށް ވާދަކުރަނީ ޖޯޖީނިއޯ، ކަންޓޭ އަދި ޑިބްރޭނާ

ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ކަމަށްވާ ޔޫއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިން އިއުލާންކޮށްފިއެވެ.

އެގޮތުން މި މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގައި ޗެލްސީ އާއެކު ޗެމްޕިއަންސް ލީގު ހޯދި ދެ ކުޅުންތެރިން ކަމަށްވާ ޖޯޖީނިއޯ އާއި އެންގޯލޯ ކަންޓޭގެ އިތުރުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ ކެވިން ޑިބްރޭނާ އެވެ.

މި އެވޯޑު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. އެގޮތުން ޖޯޖީނިއޯ ވަނީ އިޓަލީގެ ގައުމީ ޓީމާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.

ޔޫއެފާގެ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ތިން ފަރާތް ވެސް މިއަދު ވަނީ އިއުލާންކޮށްފައެވެ. އެ ފަރާތްތަކަކީ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އާއި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާގެ އިތުރުން އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީ އެވެ.

ޔޫއެފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ މިދިޔަ ސީޒަނުގެ އަންހެނުންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބާސެލޯނާގެ ތިން ޖެނީފާ ހާމޯސޯ އާއި ލިއޭކޭ މާޓެންސްގެ އިތުރުން އެލެކްސިއާ ޕުޓެލަސްއެވެ.

މި އެވޯޑު ލިބޭ ފަރާތްތައް އިއުލާން ކުރާނީ މި މަހުގެ 26 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ބާއްވާ ރަސްމިއްޔާތުގައެވެ.