Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

އަމީރުގެ މާލީ ސިޔާސަތު ބައިނަލްއަގްވާމީ އިދާރާތަކުން ބަލައިނުގަނޭ: ސައީދު

ރާއްޖޭގެ ތަންތަން ރަހުނުކުރުމަށްފަހު ނަގާ ފައިސާ، ނުދެއްކޭ ހާލަތުގައި އެ ރަހުނު ހޯދަން ބޭރު ފަރާތްތައް އަންނާނެ ކަމަށާއި އެކަމަކީ ނުރައްކާތެރި ކަމެއްކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގުމަށް ފައިސާ ހޯދަން ބައެއް ސްކޫލްތައް ރަހުނުކުރަން ނިންމާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރާއްޖޭގެ އެއްވެސް އެސެޓެއް ރަހުނު ކުރުމަށްފަހު ދަރަނި ނެގުމުގެ ވިސްނުން ނެތްކަމަށްވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް ބައެއް ތަންތަން ރަހުނު ކުރުމަށްފަހު ފައިސާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

މިކަމާ ގުޅޭގޮތުން "އައްޑޫލައިވް"އާ ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ސަރުކާރުގެ އިނޮކޮމިކް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ސައީދު ވިދާޅުވީ, މިނިސްޓަރު އަމީރު ކިތަންމެ ވަރަކަށް ވާހަކަ ދެއްކެވިނަމަވެސް އަމީރުގެ ސިޔާސަތުތައް ބައިނަލްއަޤްވާމީ މުޖުތަމައުތައް ބަލައިނުގަންނަކަމަށާއި, އެ ސިޔާސަތުތަކަށް އިތުބާރު ނެތްކަން މޫޑީސްއާއި ވޯލްބޭންކް އަދި އައިއެމްއެފް ފަދަ ތަންތަނުން ފާހަގަކުރަމުން އަންނަ ވާހަކަތަކުން އެނގޭކަމަށެވެ.

"ދިވެހިރާއްޖޭގެ ރިޒާވް އެތައް ގުނައެއް ދަށަށް ހިނގައްޖެ. ރާއްޖޭގަ ލޯނު ނަގައިގެން ނޫންގޮތަކަށް މިވަގުތު މުސާރަ ދެވެނީއެއްނޫން. ލޯނު ނަގައިގެން ނޫންގޮތަކަށް ސަރުކާރު ހިންގުމުގެ މަސައްކަތެއްވެސް ކުރެވެނީކީ ނޫން. އެހެންވީމަ ފައިސާ ޕްރިންޓް ކޮށް, މަގުތަކާ ސްކޫލްތަކާ ތަންތަން ރަހުނުކުރީމަ މިވާގޮތަކީ އެ ފައިސާ ނުދެއްކޭ ހާލަތެއްގައި އެ ރަހުނު ހޯދުމަށްޓަކައި ބޭރުގެ ފަރާތްތައް އަންނާނެ."

މިކަމުގެ މިސާލެއްގެ ގޮތުގައި އައްޑޫސިޓީގައި އިންޑިއާއިން ގާއިމުކުރާ ފުލުހުންގެ ޓްރެއިނިން ފެސިލިޓީ ނަންގަވާ ސައީދު ވިދާޅުވީ, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަނބުރާ ހޯދުމަށްވެސް އެތައް ސަތޭކަ މިނިއަލް ޑޮލަރެއް ހަރަދުކުރަން ޖެހުނުގޮތަށް ޕޮލިސް ޓްރެއިނިން ފެސިލިޓީއަށްވެސް ވާނެ ކަމަށެވެ.

"އައްޑޫގައި މިހިރަ ފެސިލިޓީ, މާދަމާ މިލިޓަރީ ބޭސްއެއް އޮޕަރޭޓްކުރާއިރުގަ އަޅުގަނޑުމެން ދެން އަންނަ ސަރުކާރަކުން އެތަން ހޯދަންވެއްޖިއްޔާ އެތައް މިލިއަން ޑޮލަރެއް ދައްކަންޖެހޭ ހާލަތަށް ރައްޔިތުން ވެއްޓިފަ މިއޮތީ."

ސައީދު ވިދާޅުވީ މިސަރުކާރުގެ އިގްތިސާދީ ސިޔާސަތު ނަތީޖާ ރައްޔިތުންނަށް ލިބޭނީ ވަރަށް ހިތިކޮށްކަމަށެވެ.