Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

އައްޑޫއަށް ދެންވެސް ބޮޑު ބަދަލެއް ގެނެސްދޭނީ ރައީސް ޔާމީން: އާދަމް ޝަރީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: މިހާރު

އައްޑޫސިޓިއަށް އަދިވެސް ބޮޑު ބަދަލެއް ގެނެސްދެވޭނީ ކުރީގެ ރައިސް އަބްދުالله ޔާމީނަށް ކަމަށް އައްޑޫސިޓީގެ ރައްޔިތުން ގަބޫލުކުރާކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން އައްޑޫސިޓީއަށް މިވަގުތު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ, ރައީސް ޔާމީން މިނިވަން ވާނޭ ދުވަހަކާ ގުޅޭގޮތުން އައްޑޫގެ ރައްޔިތުން ސުވާލު ކުރާކަމަށެވެ.

އައްޑޫގެ ރައްޔިތުންނަކީ އަބަދުވެސް ތަރައްޤީއަށް ލޯބިކުރާ ބައެއްކަމަށާއި, އަދި މިސަރުކާރަށް އައްޑޫގެ ރައްޔިތުން ވޯޓުދިނީ ރައީސް ޔާމީން ކޮށްދިންވަރަށް ވުރެއް އިތުރަށްވެސް ތަރައްޤީގެ މަސައްކަތްތައް ހިންގާނެކަމުގެ އުންމީދުގައި ކަމަށް ގަބޫލުކުރެވޭކަމަށެވެ. އެހެންނަމަވެސް މިވީ މުއްދަތުގެ ތެރޭގައި ގިނަ ކަންތައްތަކެއް ނުނިމި ހުރުމާއި އަޅާލުން ކުޑަވުމާއި ސަރުކާރާއި ރައްޔިތުންނާއި އެއްވެސް ގުޅުމެއްނެތުމުގެ ނަތީޖާއެއްގެ ގޮތުން މި ސަރުކާރަކީ ފެއިލްވެފައިވާ ސަރުކާރެއްކަމަށް ރައްޔިތުން ގަބޫލުކުރާކަމަށެވެ.

"ރައްޔިތުން މިއަދު ގަބޫލުކުރަނީ މިސަރުކާރަކީ ފެއިލްޑް ސްޓޭޓެއްކަމަށް. އަދި ރައީސް ޔާމިން އައްޑުއަށް ކޮށްދެއްވާފަ ހުރި މަސައްކަތްތަކާއި, މިސަރުކާރަށް މިހާތަނަށް ކަމެއް ނުކުރެވި ހުރުމުން ރައްޔިތުން ގަބޫލުކުރޭ އައްޑޫސިޓީއަށް ދެންވެސް ބޮޑު ބަދަލެއް ގެނެސްދެވޭނީ ރައީސް ޔާމީނަށްކަމަށް."

އާދަމް ޝަރީފް ވިދާޅުވީ އައްޑޫގެ ސިޔާސީ މަޝްރަހު މިއަދު ވަރަށް ބޮޑުތަނުން ބަދަލުވަމުން އަންނަކަމަށާއި, އެގޮތުން ރައީސް ޔާމީނަށް އޮތް ތާއީދު އައްޑޫގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން އާދަމް ޝަރީފް ފާހަގަކުރެއްވީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގެ ސިޓީ ކައުންސިލްގެ ގޮނޑިއަށް ބޭއްވި އިންތިހާބުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް އައްޑޫސިޓީ ކައުންސިލުން މުއިއްޒު ކުރި ހޯއްދެވުމެވެ. އަދި މި ދަތުރުގައިވެސް އައްޑޫއިން އިދިކޮޅު ޕީޕީއެމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.