މި ސަރުކާރު މިހާރު ހިންގަމުން އަންނަނީ މީގެ 30 އަހަރު ކުރިން ވެރިކަން ހިނގަމުން އައިގޮތަށްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އައްޑޫ ބްރިޖާއި ގުޅޭގޮތުން "އައްޑޫލައިވް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތު މިހާރު އޮތީ ކުރީގެ 30 އަހަރުގެ ވެރިކަމުގެ ސިޔާސަތު އޮތްގޮތަށް ކަމަށާއި, މީގެ ކުރިން އޮތީ "ކަޑަޖެހުމުގެ" ސިޔާސާތަކަށްވީއިރު މިސަރުކާރުން ގެންގުޅެނީ "މާދަމާ"ކިޔާ ސިޔާސަތެއް ކަމަށެވެ.
"ވިލިމާލެ ބްރިޖަށްވެސް އެވަނީ ހަމަ އެހެން. އެމަންޒަރުތައް ފެނުނީމަ އައްޑޫ ރައްޔިތުންނަށް ގަބޫލުކުރެވޭ އައްޑޫ ބްރިޖްގެ މަސައްކަތް މިސަރުކާރަށް ނުވާނެކަން."
އާދަމް ޝަރީފް ވިދާޅުވީ ބްރިޖް އެޅުމުގެ އިންޖިނިއަރިންއާއި ފައިނޭންސް ހޯދާނެގޮތާއި އެކަމުގެ ވިސްނުމާއި ފިކުރު ހުރި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.
އެހެންކަމުން ރައްޔިތުން ރައީސް ޔާމީން މިނިވަންކޮށް 2023 ގައި އިންތިހާބު ކޮށްފިނަމަ އެމަނިކުފާނު އައްޑޫގެ ބްރިޖަށްވެސް ވެފައިވާ ވައުދު ފުއްދަވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން އައްޑޫސިޓީގައި އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫއުތަކާއި އިންޑިއާގެ ބާރު ގަދަވަމުން އަންނަކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން "އައްޑޫލައިވް"އަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ, އެކަންކަމާއި ގުޅޭ ގޮތުން އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުން އެބަ އޮތްކަމަށާއި, އަދި އެކަމުގައި އިދިކޮޅުން އަޑުއުފުލައި ދިނުމަށްވެސް އައްޑޫ ރައްޔިތުން އެދޭކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މިހާރު ރާއްޖެ އޮތް ހާލަތުގެ ޒިންމާ މި ސަރުކާރުން ނަގަންޖެހޭނެ ކަމަށާއި މިކަމުގެ މައްސަލައަކީ ސަރުކާރާއި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަމަށެވެ. ޖިއޯ ޕޮލިޓިކްސްގައި ބޮޑެތި ގައުމުތަކުން އަބަދުވެސް ކުދި ގައުމުތަކަށް ނުފޫޒު ފޯރުވާނެކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެސް ގައުމަކަށް ރާއްޖޭގެ މިނިވަންކަމަށް ޗެލެންޖް ކުރެވޭނެފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާކަމަށެވެ. އެހެންނަމަވެސް މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި އެއްވެސް ވަތަނީ ރޫހެއްވެސް ނެތްކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ނޭދަވޭ އަސަރު ރައްޔިތުންނާއި ޤައުމަށް ކުރާނެކަމަށް ރައީސް ޔާމީން ވިދާލުވިއެވެ.
"ހުރިހާވެސް މައްސަލައަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު. ހުރިހާވެސް މައްސަލައަކީ އެއްވެސް ހަރުދަނާކަމެއްނެތް ބަޔަކު ރާއްޖޭގެ ވެރިކަމުގެ ތިބުން. އެކަން ބަދަލުކުރެވޭނީ ރައްޔިތުންނަށް, އެކަން 2023 ގައި ރައްޔިތުން ކުރާނެ."