Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ކޮވިޑް ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލައިފި

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ރާއްޖޭގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަވަށްޓެރި ސްރީލަންކާގައި ރޭން ފެށިގެން މިމަހު 30 ގެ ނިޔަލަށް ލޮކްޑައުން އިއުލާނުކޮށްފައިވާކަމަށެވެ.

އަދި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭކަމަށް، އެޗްޕީއޭ ޓެގްކޮށް ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކޮވީޑް-19 މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 77،754 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1750 ކަމަށްވާއިރު އޭގެތެރެއިން 16 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 77،770 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 222 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދިޔުމާ ގުޅިގެން ލަންކާގެ ސަރުކާރުން އަންނަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ގައުމުގައި ކާފިއު ހިންގަމުންނެވެ. އަދި ކައިވެނި ހަލްފާތަކާއި، އާންމު އެއްވުންތައް ބޭއްވުން މަނާކުރުމުގެ އިތުރުން ރެސްޓޯރެންޓުތަކުގައި ތިބެގެން ހިދުމަތްދޭ މީހުންގެ އަދަދު ވެސް މަދުކުރުމަށް ވަނީ އަންގާފައެވެ.

ލަންކާ އިން ދުވާލެއްގެ މައްޗަށް 3000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުންދާއިރު، އެގައުމުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ ތިން ލައްކަ އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 6000 އަށް ވުރެ މައްޗަށް އަރާފައެވެ.